ޗައިނާއާއެކު މިނިވަން ވަން ވިޔަފާރީގެ އެއްބަސް ވުމަކަށްދާން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނިންމެވީ ރާއްޖޭގެ މަސްވެރިނަށް ލުއިއެއް ހޯދައިދޭން ކަމަށް އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ޗައިނާގެ ސައުތު އޭޝިއާ އެކްސްޕޯއަށް ތައްޔާރުވުމުގެ ގޮތުން މިއަދު ޖެން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި، ފްރީ ޓްރޭޑް އެގްރީމެންޓަށް އަލިއަޅުވާލައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ކުޑަ މާކެޓަކާއި ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސިއުމާ މާކެޓެއް އޮތް ގައުމާއެކު މިނވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރަން މަސައްކަތް ކުރާއިރު މިހާރު އެކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
އޭޑީސީ ސްޓޭޓަސް އިން ޑިވެލޮޕިން ސްޓޭޓަސް އަށް ރާއްޖެ ބަދަލުވުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރޭގައި ކުރިން އެކްސްޕޯޓް ކުރުމުގައި ލިބިފައި ހުރި ލުއި ފަސޭހަތައް މިހާރު ގެއްލިފައި ހުރި ކަމަށާއި އެހެންވީމަ މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ އިރު އެއްވެސް ޓެރިފެއް ނެތި ޗައިނާގެ ބާޒާރަށް އެކްސްޕޯޓް ކުރެވޭނެ އިންތިޒާމެއް ގާއިމް ކުރުމަކީ ރައީސްގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ މިނިވަން ވިޔަފާރީގެ އެއްބަސް ވުމަކަށް ޗައިނާއާއެކު ދިޔުމަށް ފުރަތަމަ ނިންމުމުގެ އަސްލަކީވެސް. ހާއްސަކޮށް ދިވެހި މަސްވެރިންނަށް ދިމާވެފައި މިއޮތް ބޮޑު ގޮންޖެހުންތަކަށް ލުއިއެއް ދިނުން. އެކަމަށް ބޮޑެތި ކުރިއެރުން ތަކެއް ވަނީ ލިބިފައި،" ސައީދު ވިދާޅުވި އެވެ.
މިއެއްބަސްވުމުގެ ތެރެއިން މަހާއި ކަނޑުގެ އެކި ބާވަތްތައް ވިއްކާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދޭން ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި އެކްއާ ކަލްޗާ އާއި މެރި ކަލްޗާ އަދި ހުއިފިލަނޑާ ފާމްކުރާ ފަރާތްތަކުގެ އިތުރުން މަސް އެކްސްޕޯޓް ކުރާ ހުރިހާ ފަރާތްތަކަށް ލުއި ފަސޭހަ ކޮށްދިނުމަށް ރާވައިފަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ގޮތުގައި މިއަހަރު ތެރޭގައި އެއްބަސްވުމަކާއި ހަމަޔަށް ދެވޭނެ ކަމަށް ދެ ގައުމުގެ ސަރުކާރުން ވެސް ގަބޫލު ކުރާ ކަމަށާއި މިގެ ތެރެއިން ދިވެހި ވިޔަފާރިވެރިއަކަށް ޗައިނާ މީހަކަށް ވެސް ލިބޭ ލުއި ފަސޭހަތައް ލިބޭނެ ގޮތް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރާ ކަމަށެވެ.