ކުށްކުރުން

ދަގަނޑު ބުރިއަކުން މީހަކަށް ބިރު ދެއްކި މީހަކު ޖަލަށް

ދަގަނޑު ބުރިއަކުން މީހަކަށް ބިރު ދެއްކި މީހެއްގެ މައްޗަށް ތިން ދައުވާއެއް އުފުލައި އޭނާ ޖަލަށްލާން ހުކުމްކޮށްފި އެވެ.

އުތުރުގެ ރަށެއްގައި ހިނގި މި ހާދިސާގައި ދައުލަތުން ދިވެހި ފިރިހެނަކާ ދެކޮޅަށް ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ، އާއްމު ތަނެއްގައި ހުރި މީހަކު، އެ މީހާގެ އަމަލެއްގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެ ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ މާރާމާރީ ހިންގައި، ތަޅާ ފޮޅައި، ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭ ގޮތަށް އުޅުމުގެ ކުށުގެ ދައުވާއާއި، މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުންދީފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ އަދި ފޭރުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ތިން ދައުވާވެސް އެ މީހާގެ މައްޗަށް ސާބިތުވެފައިވަނީ އޭނާގެ އިއުތިރާފުންނެވެ. އެހެންކަމުން މައްސަލަ ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ މީހާވަނީ، ދޮޅު ފޫޓެއްހާ ދިގު ދަގަނޑު ހޮޅިބުރިއަކުން ތަޅައި އަނިޔާކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި އޭނާ އަނިޔާ ނުކުރާ މަތިން ކަމަށް ބުނެ ދެ ފަހަރެއްގެ މަތިން މީހެއްގެ އަތުން 5،000 ރުފިޔާ ފޭރިގަނެފައިވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.

މިއީ މި އަހަރުގެ ކުރީކޮޅު ހިނގި ހާދިސާއެކެވެ.

މި މައްސަލަތަކުގެ ތެރެއިން އާއްމު ތަނެއްގައި ހުރި މީހަކު، އެ މީހާގެ އަމަލެއްގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެ ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ މާރާމާރީ ހިންގައި، ތަޅާ ފޮޅައި، ހަރުކަށިކޮށް ނުވަތަ ބިރު އުފެދޭ ގޮތަށް އުޅުމުގެ ކުށުގެ ދައުވާ ސާބިތުވެ އެ މީހާ ހަ ދުވަހަށް ޖަލަށް ލާން ހުކުމް ކުރިއެވެ. އަދި މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުންދީފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ އަދަބަކަށް އޭނާއަށް އިއްވީ އެއް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެވެ. ތިންވަނަ މައްސަލަ ކަމަށްވާ ދެ ފަހަރެއްގެ މަތިން 5،000 ރުފިޔާ ފޭރުމުގެ ކުށް ސާބިތުވެ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެ މީހާގެ މައްޗަށް އިއްވި އެވެ.