ހަބަރު

ޓީބީ ޖެހިފައި ހުރި މީހަކު ޓެކްސީ ދުއްވާ ކަމަށް ބުނާ ވާހަކަ އެޗްޕީއޭއިން ދޮގެއް ނުކުރި

Jan 28, 2015

ޓީބީ ޖެހިފައި ހުރި މީހަކު ޓެކްސީ ދުއްވާ ކަމަށް ބުނެ މީޑިއާތަކުން ހަބަރު ފެތުރީ ފުރިހަމަ މައުލޫމާތު ނުހޯދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. ނަމަވެސް އެއީ ދޮގު ހަބަރެއް ކަމަކަށް އެޗްޕީއޭ އިން ނުބުނެ އެވެ.

ޓީބީ ޖެހިފައި ހުރި މީހަކު މާލޭގައި ޓެކްސީ ޑްރައިވަރަކަށް އުޅޭ ކަމަށް ބުނެ މީޑިއާގައި އާންމުކުރި ހަބަރާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައިވަނީ "މީޑިއާތަކުގައި އެ ހަބަރު ޝާއިއުކުރީ ފުރިހަމަ މައުލޫމާތު ނުހޯދައި، އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް" ކަމަށެވެ. ނަމަވެސް އެ ހަބަރަކީ ދޮގެއް ކަން ނުވަތަ ނޫން ކަމެއް ވެސް އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ. އެ ބަޔާނުގައި ވަނީ ޓީބީ ފެތުރޭ ގޮތުގެ މައުލޫމާތެވެ.

އެ ބަޔާނުގައިވަނީ އެކަކުގެ ގައިން އަނެކެއްގެ ގަޔަށް ޓީބީ ފެތުރޭނީ ފުއްޕާމެއަށް އެ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ކުޅުގައި ޓީބީގެ ޖަރާސީމު ހުންނަ މީހުންގެ ފަރާތުން އެކަނި ކަމަށެވެ. އަދި އެ މީހުން ވެސް ގަވާއިދުން ބޭސްކުރަން ފެށުމާ އެކު ކުޅުން ޓީބީގެ އަސަރު ނެތިއްޖެ ނަމަ ބަލި ފެތުރުން ހުއްޓޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މިދިޔަ އަހަރު ޓީބީއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޓީބީގެ އަސަރު ކުޅުގައި ހުރީ އެންމެ 53 މީހެއްގެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ބަލި ޖެހިފައި ހުންނަ ކޮންމެ މީހަކީ މުޖްތަމައަށް ނުރައްކާ އޮތް މީހެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން މީހެއްގެ ކުޅުގައި އެ މީހެއްގެ ޓީބީގެ އަސަރު ހުރިި މީހަކު އަދާކުރާ ވަޒީފާއެއްގެ ގޮތުން ނުވަތަ އާމްދަނީ ހޯދަން ކުރާ މަސައްކަތުގެ ގޮތުން އެހެން މީހުންނަށް ނުރައްކާ އޮވެއްޖެ ނަމަ އެ މީހެއްގެ ކުޅުން ޖަރާސީމު ނެތެންދެން އެ މީހަކު ވަޒީފާއަށް ނިކުތަ ނުދީ ފަރުވާގެ ކަންތައް ކުރިއަށް ގެންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެނގިފައިވާ ގޮތުގައި ޓީބީ ޖެހިފައި ވަނީ ދިވެއްސަކާ ކައިވެނިކޮށް، ދިވެހި ރައްވެއްސަކަށް ވެފައިވާ ބިދޭސީ އަކަށެވެ. އަދި އެއީ ވަރަށް ކުރިންސުރެ ރާއްޖޭގައި އުޅެމުން އަންނަ މީހެއް ކަމަށް ވެސް އެނގިފައިވެ އެވެ.