ރާއްޖޭގެ އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ސްޕޯޓްސް ސްކޮލަޝިޕަށް ހުޅުވާލި ފުރުސަތުގައި ހޮވުނު ކުދިންގެ ތެރެއިން ރާއްޖެއިން ބޭރުން ތައުލީމް ހާސިލް ކުރާ ކުދިންނަށް ބޭނުންވާ ހުރިހާ ހަރަދެއް ސަރުކާރުން ކުރާ ގޮތަށް ނިިންމައިފި އެވެ.
އެމިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެފުރުސަތުގައި 22 ކުދިން ކުރިމަތިލާފައިވާ ކަމަށެވެ. އޭގެތެރެއިން 12 ކުދިންނަށް ވަނީ ސްކޮލަޝިޕް ލިބިފަ އެވެ. އަދި ކުދިން ހޮވާފައިވަނީ މާލޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅިގެން ކަމަށެވެ. މިއީ ސްޕޯޓްސް ސްކޮލަޝިޕް ރާއްޖޭގައި ދިން ފުރަތަމަ ފަހަރެވެ.
މިނިސްޓަރު ވިދާޅުވީ ސްޕޯޓްސް ސްކޮލަޝިޕްއަށް ހޮވާފައިވަނީ މިދިޔަ އަހަރު ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލް ކުރަމުންދިޔަ ކުދިން ކަމަށާއި އެކުދިން މިހާރު މާލޭގެ ސްކޫލްތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
"އެކުދިންގެ ތެރެއިން މިހާތަނަށް އައި އިރު ފާހަގަކުރެވުނީ އެތުލެޓިކްސް އެސޯސިއޭޝަނާއި އޮލިމްޕިކް ކޮމެޓީ ގުޅިގެން ރާއްޖެއަށް މެޑަލްތަކާއި ރީތިނަން ހޯދައިދޭނ ކުދިން، އޭގެތެރެއިން ފާހަގަކޮށް ރާއްޖެއިން ބޭރަށް އެތުލެޓިކްސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޮޓްސުވާނާ ގައި އޮތް ތަމްރީނު ތަކަކަށް ދެކުދިން ވާނީ ފޮނުވާފައި. އަދި މާލެގެ ސްކޫލެއްގައި ހުރި އެހެން ކުއްޖަކުވެސް ވީ އެކުދިންނާއެކު ތަމްރީނުތަކަށް ފޮނުވާފައި" މިނިސްޓަރު ވިދާޅުވި އެވެ.

އަދި މި ފިރުސަތުގައި ރާއްޖެއިން ބޭރުން ތަމްރީނު ހޯދަމުންދާ ދަރިވަރުން މިމުއްދަތުގައި އެދަރިވަރުންގެ ސާނަވީ އަދި މަތީ ސާނަވީ މަރުހަލާ ފުރިހަމަ ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޑިގްރީއަށް ކިޔަވަން ބޭނުންވާ ކުދިންނަށް ސަރުކާރުގެ ފަރާތުން ދޫކުރާ މަތީ ތައުލީމް ހާސިލް ކުރާ ދަރިވަރުންނަށް ދެވޭ ލޯން ސްކީމް ދޭން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި މފަދަ ފުރުސަތުތައް ކުދިންނަށް ހޯދައި ދިނުމަސް ސަރުކާރުގެ ފަރާތުން މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.
މި ސްކޮލްޝިޕް މިހާތަނަށް ދީފައިވަނީ އެތުލެޓިކްސް، ބެޑްމިންޓަން އަދި ފުޓުބޯޅައިގެ ދާއިރާއިން ފާހަގަކޮށްލެވޭ ދަރިވަރުންނަށެވެ.
ބައިނަލް އަގްވާމީ ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާއިން ވަނަ ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ކުޅިވަރަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް 2014 ވަނަ އަހަރު ވަނީ "މައިލޯ ކަލާސް އެވޯޑް" ދީފަ އެވެ.