އޮފްބީޓް

މި ކުއްޖާގެ ވާހަކައިން ހިތް ރޮއްވާފާނެ!

"މަންމަ ދެކެ ވަރަށް ލޯބިވޭ، އަހަރެންގެ ބައްޕައަކީ އަހަރެންގެ ލޮލުގެ ފެނުން،" މިއީ ކުޑަ ކުޑަ ކުއްޖަކު ބުނި ބުނުމެކެވެ. އާދައިގެ ކުއްޖެއް ނޫނެވެ. ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ޝިކާރައަކަށްވެފައިވާ ފަސް އަހަރުގެ ކުއްޖެއްގެ ވާހަކައެކެވެ.

ފަސް އަހަރުގެ މުސްތަފާގެ ހަޔާތުގެ ސަފުހާތަށް އުކާލާނަމެވެ. ސީރިއާއަށް އުފަން މުސްތަފާ އެ ގައުމުގައި އުޅެމުން ދިޔައީ އޭނާގެ މަންމަ އާއި ބައްޕައާއެކުގަ އެވެ. އުފަލެއްގަ ނޫނެވެ. ބިރުވެރިކަމެއްގެ ތެރޭގަ އެވެ. މުސްތަފާ މި ދުނިޔެއަށް އައިއިރު ވެސް ސީރިއާގައި ދިޔައީ ހަނގުރާމަ ކުރަމުންނެވެ.

ކުޑަކުޑަ މުސްތަފާގެ ހަޔާތް އެއްކޮށް ބަދަލުކޮށްލީ، އެއް ދުވަހަކު ސީރިއާގައި ދިން ބޮމުގެ ހަމަލާއެއްގަ އެވެ. ބޮން އަމާޒުވީ މުސްތަފާގެ ގެއަށެވެ. ގެ އެއްކޮށް ގޮވީ އެވެ. މުސްތަފާގެ ފުރާނަ ކަމަށްވާ އޭނާގެ ލޯބިވާ މަންމަ އާއި ބައްޕަ އެ ބޮމުގެ ހަމަލާގައި މަރުވެ ދިޔައީ އެވެ. ގެ އެއްކޮށް ސުންނާފަތީވީ އެވެ. މުސްތަފާ ޔަތީމްވެ ބިކަވީ އެވެ.

ބިކަވުން އެކަންޏެއް ނޫނެވެ. ބޮމުގެ ހަމަލާގެ ސަބަބުން މުސްތަފާގެ އުނަގަނޑަށް ބޮޑު ގެއްލުމެއް ލިބުނެވެ. މުސްތަފާގެ ފައި ވާގި ނެތުނެވެ. ނުހިނގޭ ނުކުޅެދޭ ކުއްޖަކަށް މުސްތަފާވީ އެވެ. އޭގެ އިތުރުން މުސްތަފާގެ ސިކުނޑިއަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

މި ހާލުގައި މުސްތަފާ އޮތްވާ، އޭނާއަށް އަޅާލައި އޭނާގެ މަސްއޫލިއްޔަތު އުފުލީ މުސްތަފާގެ މާމަ އެވެ. މާމައާއެކު މުސްތަފާ ޖޯޑަންއަށް ބަދަލުވީ އެވެ. އުފަން ގައުމު ދޫކޮށްލީ އެވެ. މަންމަ އާއި ބައްޕަގެ ވަޒަނަށް އަލްވަދާއުކީ އެވެ. މުސްތަފާގެ މާމަ ބޭނުންވީ އޭނާގެ ބަލި ފަސޭހަ ކުރާށެވެ. ކުޅެދޭ ކުއްޖަކަށް ހަދާށެވެ. އެ ޒިންމާ އުފުލީ ޖޯދަންގެ ސައިކޯލޮޖިސްޓެއް ކަމަށްވާ މުންތަހާ އެވެ.

"އެންމެ ފުރަތަމަ މުސްތަފާ އަހަރެން ކައިރިއަށް އައިއިރު އޭނާއަށް ކޮޅަށް ވެސް ނުހުރެވޭ، ތުއްތު ކުއްޖަކު ހިފަހައްޓާހެން ހިފަހައްޓަން ޖެހެނީ، އަހަރެން އެކަން ކުރިން،" މުންތަހާ ބުންޏެވެ. "އަހަރެން މި ކުއްޖާ ދެކެ ވަރަށް ލޯބިވޭ ހަމަ އަހަރެންގެ ފިރިހެން ދަރިއެއް ފަދައިން،"

މުންތަހާއަށް މުސްތަފާއަކީ އޭނާގެ އަމިއްލަ ދަރިއެއް ފަދަ ކުއްޖެކެވެ. މަންމައެއް ނެތް މުސްތަފާއަށް މުންތަހާގެ ގޮތުގައި ވަނީ މަންމައެއް ލިބިފަ އެވެ.

"އަހަރެން މުސްތަފާ ދެކެ ވަރަށް ލޯބިވޭ، އޭނާ ބުނާނެ އުރާލާށޭ، ދޮނެއް ދޭށޭ، އެކަންކަމަކީ އަހަރެންނަށް ވަރަށް ހާއްސަ ކަންކަން،" މުންތަހާ ބުންޏެވެ.

މުންތަހާގެ މިންނެތް މަސައްކަތުން މިހާރު މުސްތަފާއަށް ހިނގެ އެވެ. ކުޅެދޭ ކުއްޖަކަށް އޭނާ މިހާރު އޭނާ ވަނީވެފަ އެވެ. ހުރިހާ ޝުކުރެއް ހަމަ މުންތަހާއަށެވެ. މުންތަހާގެ މަސައްކަތަށް މުސްތަފާގެ މާމަ ވަނީ ހިތު އަޑިން ޝުކުރުއަދާކޮށްފަ އެވެ.

ޖިސްމާނީ ގޮތުން މުސްތަފާއަށް ލިބުނު އަނިޔާއަށް ފަރުވާ ލިބެމުން ދިޔަ ނަމަވެސް ނަފްސާނީ ގޮތުން އޭނާއަށް ކޮށްފައިވާ އަސަރަށް އަދި މާބޮޑު ލުޔެއް ލިބިފައެއް ނުވެ އެވެ. މުސްތަފާގެ މަންމަ އާއި ބައްޕަގެ ކުއްލި މަރާ ގުޅިގެން މުސްތަފާގެ ހިތުގައި ޖެހުނު ލަތްގަނޑު ފިލުވައެއް ނުލެވޭނެކަން ކަށަވަރެވެ.

"ބައެއް ފަހަރަށް މުސްތަފާ އޮންނާނެ ރޯން، ހިތްދަތިވެފައި ހުންނާނެ، ސަބަބުން އެހުމުން ބުނާނެ އޭނާ ރޮނީ މަންމަ އާއި ބައްޕައަށް ޓަކައި އޭ، އެއީ އަދި ކުޑަކުޑަ ކުއްޖެއް،" މުސްތަފާ ދެކެ އިންތިހާއަށް ލޯބިވާ އޭނާގެ މާމަ ބުންޏެވެ.

މިއީ ހަމައެކަނި މުސްތަފާގެ ވާހަކައެއް ނޫނެވެ. ސީރިއާގެ ގިނަ ކުޑަ ކުދިންގެ ހާލަކީ މިއީ އެވެ.