ދުނިޔެ

އަލްޝަބާބުގެ ލީޑަރުންތަކެއް މަރާލި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

ސޯމާލިއާގެ މޮގަދިޝޫގެ ދެކުނުގައި އޮންނަ، ހައްދުފަހަނަ އަޅާފައިވާ އަލް ޝަބާބުގެ ޓްރެއިނިން ކޭމްޕަކަށް މިދިޔަ ހޮނިހިރު ދުވަހު އެމެރިކާއިން ދިން ވައިގެ ހަމަލާތަކެއްގައި އެޖަމާއަތުގެ ލީޑަރުންތަކެއް މަރާލި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި އެވެ. އަދި އެހެން ޖަމާއަތެއްގެ ލީޑަރެއް މަރާލި ކަމަށް ބުނާ ވާހަކަވެސް އެޖަމާއަތުންވަނީ ދޮގުކޮށްފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސޯމާލިއާގެ ހިރާން ސަރަހައްދަށް ދިން މި ހަމަލާތަކުގައި އަލް ގައިދާ އާއި ގުޅުން އޮންނަ އެހެން ޖަމާއަތްތަކުގެ 150 އަށްވުރެ ގިނަ ހަނގުރާމަވެރިން މަރުވެފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު ސޯމާލިއާގެ ސަރުކާރުގެ އޮފިޝަލުންތަކެއް ވަނީ އަލް ޝަބާބް ޖަމާއަތުގެ ފަސް ލީޑަރުން މަރާލާފައިވާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި އެގުރޫޕުގެ ހިރާން ގަވަރުނަރު މުހައްމަދު މަޔާ، އަދި ހިރާންގެ އެޖަމާއަތުގެ ކުރީގެ ޗީފް ޔޫސުފް އަލީ އުގަސް ހިމެނެ އެވެ. އެހެން ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު މުހައްމަދު މަޔާ ވަނީ ހަމަލާދިން ސަރަހައްދުން އާއްމުންގެ ތެރެއަށް ނުކުމެފަ އެވެ.

"އެއީ ހުސް ދޮގު. އެމީހުން ބުނި މަރުވި މީހުންގެ ތެރޭގައި އަހަރެންވެސް ވިޔޭ. އެކަމަކު އަހަރެން މިހުރީ މިތާ ހެޔޮ ހާލުގައި." މިދިޔަ ބުރާސްފަތި ދުވަހު އެސަރަހައްދުގައި ދިރިއުޅެމުންދިޔަ މީހުން އެއްކޮށް ސޯމާލިއާ ސަރުކާރަށް ފާޑު ކިޔަމުން މުހައްމަދު ބުނެފައިވެ އެވެ.

އަލްޝަބާބަކީ ސޯމާލިއާ، ނައިޖީރިޔާ އަދި ކެމަރޫންގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަމުންދާ ހައްދުފަހަނައަޅާފައިވާ ޖަމާއަތެކެވެ.