ދުނިޔެ

ހިޒްބުﷲ އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައަޅައިފި

ލެބަނީސް މޫވްމެންޓު ހިޒްބުﷲ އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް އަރަބި ލީގުން ނިންމައިފި އެވެ. އަރަބި ލީގުން މިހެން ނިންމީ މީގެ ދުވަސްކޮޅެއް ކުރިން ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިންވެސް ހިޒްބުﷲ އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ނިންމާފައި ވަނިކޮށެވެ.

އަރަބި ލީގުން ހިޒްބުﷲ އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ނިންމީ އެލީގުގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން މިސްރުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި އަރަބި ލީގުގެ 22 ގައުމުން ވަނީ ހިޒްބުﷲ އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ނިންމުމަށް އިއްތިފާގު ވެފަ އެވެ. އަދި އޭގެފަހުން އެލީގުން ވަނީ ހިޒްބުﷲ އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ރަސްމީކޮށް އިއުލާނުކޮށް ސްޓޭޓްމެންޓެއް ނެރެފަ އެވެ.

ހިޒްބުﷲ އަކީ ޝީއީންގެ ހަނގުރާމަވެރި ޖަމާއަތެކެވެ. އަދި މިއީ ސީރިޔާގެ ބައްޝާރުލް އަސަދުގެ ހުދުމުހުތާރު ވެރިކަމަށް ވާގިވެރިވެދޭ ޖަމިއްޔާއެކެވެ.

އެ ސްޓޭޓްމެންޓު ނެރުމާއެކު ލުބުނާންގެ ފޮރިން މިނިސްޓަރު ޖިބްރާން ބަސީލް ވަނީ އެކަން ގަބޫލުނުކުރާ ކަމަށް ވިދާޅުވެ ޓުވީޓެއް ކޮށްފަ އެވެ. އޭގައި ވިދާޅުވެފައިވަނީ އެ ނިންމުން ނިންމާފައިވަނީ އަރަބި އެންޓި ޓެރިޓަރީން ނޫން ކަމަށްވާތީ ގަބޫލުނުކުރާނެ ކަމަށެވެ. އަދި ހިޒްބުﷲ އަކީ އެގައުމުގައި މުހިއްމު ދައުރެއް އަދާކުރާ ޖަމާއަތެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މީގެކުރިން ސައުދީ ޑެލިގޭޝަނުން ވަނީ އިރާގުގެ ފޮރިން މިނިސްޓަރު އިބްރާހިމް އަލް ޖަފާރީ ހިޒްބުﷲ އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ލޭބަލް ކުރުމަށް ދެކޮޅު ހެދުމުން މުޒާހަރާ ކުރަން ނިންމާފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ސައުދީ އަރަބިއްޔާ، ޔޫއޭއީ، ކުވޭޓު އަދި ބަހުރެއިނުން ވަނީ ލުބުނާނުގައި ތިބި އެގައުމުތަކުގެ ރައްޔިތުންނަށް ލުބުނާނުން ނުފޭބުމަށް އަންގާފަ އެވެ. އަދި އެހެން ރައްޔިތުންނަށް ލުބުނާނަށް ދަތުރުކުރުން މަނާކޮށްފަ އެވެ.

އެމެރިކާ، ކެނެޑާ އަދި އޮސްޓްރޭލިއާ އިން މީގެ އެތައް ދުވަހެއް ކުރިން ވަނީ ހިޒްބުﷲ އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ނިންމާފަ އެވެ. އަދި އީޔޫ އިން ވަނީ އެ ޖަމާއަތް ބްލެކް ލިސްޓު ކޮށްފަ އެވެ.