ހަބަރު

ޖަރުމަނުގައި ރާއްޖެއާ ދެކޮޅަށް ބަޔަކު ކެމްޕެއިން ކުރި: ޒަމީރު

ޖަރުމަނުގައި ތިބި ރާއްޖޭގެ ބައެއް ފަރާތްތަކުން އައިޓީބީ ފެއާ ކާމިޔާބުވެ ނުދިޔުމަށް ރާއްޖެއާ އިދިކޮޅަށް ގިނަ ކެމްޕެއިންތަކެއް ކުރިކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖެ ހޯސްޓް ކަންޓްރީގެ ގޮތުގައި ބައިވެރިވި އައިޓީބީ ބާރލިން ފެއާގައި ބައިވެރިވުމަށް ފަހު އިއްޔެ ރާއްޖެ ވަޑައިގަނެ ޕީއެސްއެމް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ ޖަރުމަނުގައި ކުރިއަށްދާ އައިޓީބީ ފެއާގައި އެންމެ ގިނަ ސުވާލުތައް ކުރިމަތިވެވަޑައިގަތީ ރާއްޖެއާ ބެހޭގޮތުން ބައެއް ފަރާތްތަކުން ކުރަމުން ގެންދާ ނުރަނގަޅު ކެމްޕެއިންތަކާއި، ރާއްޖެއަކީ އައިއެސްއަށް މީހުން ފޮނުވާ ތަނެއްކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ބައެއް ފަރާތްތަކުން ފެެއަރ ކުރިއަށްދާ ވަގުތެއްގައި ރާއްޖެއާއި ދެކޮޅަށް ކެމްޕެއިންތައް ކުރަމުންދާ ކަމަަށާއި، އައިޓީބީ ފެއަރ ކާމިޔާބުވިޔަ ނުދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އެގޮތުން ރާއްޖެއަކީ ފަތުރުވެރިންނަށް އަމާންތަނެއް ނޫން ކަމަށް ވާހަކަ ދެކެވުން ކަމަށެވެ. ރާއްޖޭގައި ފަތުރުވެރިންނަށް އަމާންކަން ނެތްކަމަށް ދެކެވޭ ވާހަކަތައް ހުރިހާ ފަރާތްތަކަށް ސާފުކޮށްދެއްވައި، ޓެރަރިޒަމް ހުއްޓުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ދެއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ޖަރުމަނުގައި ރާއްޖެއާއި ދެކޮޅަށް އިދިކޮޅު ކެމްޕެއިން ކުރަމުންދާ ފަރާތްތައް ހޯދާ އެފަރާތްތަކާއި އެކު މަޝްވަރާކޮށް، ރާއްޖޭގެ ހާލަތު ބެލުމަށްފަހު ރަނގަޅު މައުލޫމާތު ސާފުކޮށްދިނުމަށްޓަކައި ރާއްޖެއަށް އައުމަށް ދައުވަތު ދީފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޖަރުމަނުގައި މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ފެއާގައި ރާއްޖޭގެ 96 ކުންފުންޏަކުން 200 އަށްވުރެ ގިނަ އޮފިޝަލުން ބައިވެރިވެފައިވެ އެވެ. މި ފެއާގައި މި އަހަރު ރާއްޖޭގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވެފައިވެ އެވެ.