ސްރީލަންކާ

ރާޖަޕަކްސަގެ ވެރިކަމުގެ ގެއްލުން ލިބުނު ނޫސްވެރިންނަށް ބަދަލުދެނީ

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކަސަގެ ވެރިކަމުގެ ގެއްލުމާއި ލިބުނު ނޫސްވެރިންނަށާއޮ އެމީހުންގެ އާއިލާތަކަށް ބަދަލުދޭން ލަންކާގެ މިހާރުގެ ސަރުކާރުން ހާއްސަ ކޮމެޓީއެއް އެކުލަވާލައިފި އެވެ.

މި ކޮމެޓީ އަކީ ލަންކާގެ މިހާރުގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އެކުލަވައިލެއްވި ކޮމެޓީ އެކެވެ. އަންނަ ޖޫންމަހުގެ 15 އިގެ ކުރިން އަނިޔާގެ ތަފްސީލް އެ ކޮމެޓީއަށް ފޮނުވަން ޖެހެ އެވެ.

ރާޖަޕަކްސަގެ ވެރިކަމުގައ ލަންކާގެ ގިނަ އަދަދެއްގެ ނުސްވެރިންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅި އެވެ. އެފަރާތްތަކަށް ބަދަލުދޭން ނިންމާފައިވާކަން އިއުލާނުކޮށް ނެރުނު ބަޔާނުގައި ބުނަނީ ރާޖަޕަކްސާގެ ވެރިކަމުގައި ނޫސްވެރިކަމުގެ ޝިކާރައަކަށްވި ހުރިހާ މީޑިއާތަކަށް ވެސް ބަދަލު ދެވޭނެ ކަމަށެވެ. އޭގެ ތަފްސީލް އަދި އާއްމެއް ނުކުރެ އެވެ.

ރާޖަޕަކްސަގެ ވެރިކަމުގައި "ސަންޑޭ ލީޑަރު" ނޫހުގެ އެޑިޓަރާއި އެހެނިހެން އެތައް ނޫސްވެރިންނެއް ވަނީ މަރާލާފަ އެވެ. އަދި އެހެނިހެން ރޭޑިއޯ އަދި ޓީވީ ސްޓޭޝަންތަކަށް ބޮމުގެ ހަމަލާތައް ދީފައިވާއިރު ޖަފްނާގައި ހިންގާ ތަމަޅަ ނޫހަކަށްވެސް ތަކުރާރުކޮށް އެތައް ހަމަލާއެއް ދީފައިވެ އެވެ.

ސްރީލަންކާ އަކީ ނޫސްވެރިންނަށް އެންމެ ނުރައްކާތެރި އަދި ނޫސްވެރިކަމަށް ހުރަސް އަޅާ ގައުމުތަކުގެ ތެރޭގައި ރޭންކު ކުރެވިފައިވާ ގައުމެކެވެ.