ރާއްޖެ ކުޅިވަރު

ރާއްޖެ އަށް އިތުރު ކުރިއެރުންތައް ލިބޭނީ މަސައްކަތްތަކެއް ކޮށްގެން: ފަންޑީ

ފާއިތުވި 15 ވަރަކަށް އަހަރުގެ ތެރޭގައި ފުޓްބޯޅައިގައި ދިވެހިރާއްޖެ ބޮޑެތި ކުރިއެރުންތަކެއް ހޯދި ނަމަވެސް، އިތުރަށް ކުރިއެރުން ހޯދުމަށް ރާއްޖޭން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޕީޕަލްްސް ކަޕްގައި ވާދަކުރި ސިންގަޕޯ ލަޔަންސްގެ ކޯޗު ފަންޑީ އަހުމަދު ބުނެފި އެވެ.

"ފާއިތުވި 15 އަހަރުގެ ތެރޭގައި ރާއްޖޭން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި. އެކަމަކު އިތުރު ކުރިއެރުންތައް ހޯދަން އިތުުރު މަސައްކަތްތަކެއް ކުރަންޖެހޭ،" ފަންޑީ ބުންޏެވެ. "އަހަންނަށް އެނގޭ ރާއްޖޭގައި ފުޓްބޯޅަ އަށް ބޮޑު ޝައުުގުވެރިކަމެއް އޮތްކަން. ފުޓްބޯޅަ ކުރިއަރުވަން އިތުރު މަސައްކަތްތައް ކުރަންޖެހޭ. ރަނގަޅު ޕްލޭނެއް ހަދައި، ޓްރެއިނިންތައް ދޭންޖެހޭ."

ސިންގަޕޫރުގެ ގައުމީ ޓީމަށް ކުރިން ކުޅުނު ފޯވަޑެއް ކަމަށްވާ ފަންޑީ ބުނީ ދިވެހި ކުޅުންތެރިން އެންމެ ބޮޑަށް ރަނގަޅުކުރަންޖެހެނީ "ފިިސިކަލް" ކަމަށެވެ.

"ރާއްޖޭގެ ކުޅުންތެރިން ވަރަށް ހުނަރުވެރި، ވަރަށް ހަލުވި. އެކަމަކު ފިސިކަލީ ގޮތުން ދެރަވީމަ އެންމެ މަތީ ފަންތީގައި ކުޅެން އުނދަގޫވާނެ. އެހެންކަމުން ދިވެހި ކުޅުންތެރިންގެ ޓްރެއިނިންތަކާޢި ކެއުން ބުއިން ބަދަލުކޮށްގެން، އެކަންތައް ރަނގަޅުކުރެވޭނެ،" ފަންޑީ ބުންޏެވެ.

ޕީޕަލްސްގެ ފައިނަލް އިން ލަޔަންސް އަށް ޖާގަ ގެއްލުނީ ލީގު ބުރުގެ ފަހު މެޗުގައި މެލޭޝިއާގެ ޕީޑީއާރްއެމް އަތުން 1-0 އިން ބަލިވުމުންނެވެ. މި މުބާރާތުގައި ލަޔަންސް ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި ނިއު ރޭޑިއަންޓް އަތުން 3-1 އިން އެ ޓީމު ވަނީ މޮޅުވެފަ އެވެ.

ފަންޑީ ބުނީ މި އަހަރުގެ މެލޭޝިއާ ސުޕަ ލީގަށް ލަޔަންސް ތައްޔާރުވަމުންދާޢިރު، މި މުބާރާތުގެ ސަބަބުން އެ ޓީމަށް ފައިދާކުރާނެ ކަމަށެވެ.

"ވަރަށް ރަނގަޅު މެޗުތަކެއް ޓީމަށް ލިބިއްޖެ،" ފަންޑީ ބުންޏެވެ. "އަހަރެމެން އުފާކުރަން މި މުބާރާތުން ފުރުސަތު ލިބުނީމަ. ފައިނަލް އަށް ނުދެވުނީމަ ދެރަވޭ އެކަމަކު މި މުބާރާތުން އަހަރެމެންނަށް އެނގިއްޖެ ރަނގަޅުކުރަންވީ ވަރަށް ގިނަ ކަންތައްތައް."

ޕީޕަލްސް ކަޕްގެ ފައިނަލްގައި މިރޭ 2100ގައި ބައްދަލުކުރާނީ ޕީޑީއާރްއެމް އާއި ޕީޑީއާރްއެމް އެވެ.