ހަބަރު

އަތޮޅުތަކުތެރޭ ސްކޫލުތަކަށް 13 މިލިއަން ރުފިޔާގެ ސާމާނު ހަވާލުކޮށްފި

އަތޮޅުތަކުތެރޭ ސްކޫލުތަކަށް 13 މިލިއަންއަށް ވުރެ ގިނަ ރުފިޔާގެ ސާމާނު ހަވާލުކޮށްފި އެވެ.

ދަރުމަވަންތަ ސްކޫލުގެ ކުރީގެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް މި ސާމާނު ރަސްމީކޮށް ހަވާލުކޮށްފަ އެވެ.

އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް ވިދާޅުވީ އެމިނިސްޓްރީ އިން އަތޮޅުތަކުތަރޭ ސްކޫލުތަކުގެ ސައިންސް ލެބަށް ބޭނުންވާ ކެމިކަލް އަދި އިކުއިޕްމަންޓާއި ޕްރީސްކޫލުތަކަށް ބޭނުންވާ އައުޓް ޑޯ ޕްލޭ ސެޓަޕްތައް ދެ ބުރަކަށް ބަހާލައިގެން ދޭން ނިންމާފައިވާނެ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ ފުރަތަމަ ބުރުގައި ޓާގެޓް ކުރަނީ 50 ސްކޫލަކަށް ކެމިކަލްތަކާއި އިކުއިޕްމަންޓު ދިނުމަށް ކަމަށާއި އަދި ޕްރީ ސްކޫލުތައް ތަރައްގީ ކުރުމަށް 90 ސްކޫލެއްގައި އައުޓް ޑޯ ޕްލޭ ސްޓޭޝަން ތަކެއް ގެނެސް ހަވާލު ކުރާނެ ކަމަށެވެ.

"ކެމިކަލް އިކުއޕްމަންޓު ތެރޭގައި ހުރިހާ ގްރޭޑެއްގެ ދަރިވަރުންނަށް ކިޔަވާދެވޭ ފެންވަރުގެ ކެމިކަލްސްއާއި އިކުއިޕްމަންޓު ހިމެނޭނެ. 50 ސްކޫލަކަށް ދިނުމަށް 7.9 މިލިއަން ރުފިޔާ ހަރަދުވޭ. ދެން 90 ސްކޫލަކަށް އައުޓް ޑޯ ޕްލޭ ސްޓޭޝަން ހަވާލު ކުރުމަށް 5.5 މިލިއަން ރުފިޔާ ހަރަދުވޭ،" އިސްމާއިލް ވިދާޅުވި އެވެ.