ރާއްޖެ ކުޅިވަރު

ގައުމީ ޓީމުގެ ކޯޗަކަށް ޕޮޕޯފް

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުކަމާ ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު ބަލްގޭރިއާގެ ވެލީޒާ ޕޮޕޯފް ހަވާލުވެއްޖެ އެވެ.

ޕީޕަލްސް ކަޕްގެ ފައިނަލްގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި މެލޭޝިއާގެ ޕީޑީއާރްއެމް ބައްދަލުކުރާ މެޗުގެ ކުރިން އޮތް ހާއްސަ ރަސްމިއްޔާތުގައި، ޕޮޕޯފް ވަނީ ރަސްމީކޮށް ގައުމީ ޓީމުގެ އާ ކޯޗުގެ ގޮތުގައި ތައާރަފްކޮށްފަ އެވެ. ގައުމީ ޓީމާ ހަވާލުވުމަށް ޕޮޕޯފް މާލެ އައީ އިއްޔެ އެވެ.

ޕޮޕޯފް ވަނީ 2013 ވަނަ އަހަރު ނިއު އަށް ކޯޗުކޮށްދީ، އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. ޕޮޕޯފްގެ އިރުޝާދުގެ ދަށުން ނިއު އިން އެ ސީޒަންގެ ދިވެހި ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަދި އެ އަހަރުގެ އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލް އިން ނިއު އިން ޖާގަ ހޯދި އެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ސީޒަންގައި ބާކީ އެއް މުބާރާތް އޮއްވައި، ޕޮޕޯފް ނިއު ދޫކޮށްލީ އޮމާންގެ ކްލަބެއްގެ ކޯޗުކަމާ ހަވާލުވުމަށެވެ. އޮމާންގެ އަލް ސުރް އަށް ކޯޗުކޮށްދިނުމަށް ފަހު، މިދިޔަ އަހަރު ޕޮޕޯފް ކޯޗުކޮށްދިނީ ތައިލޭންޑްގެ ފުރަތަމަ ޑިވިޝަންގެ ކްލަބަކަށެވެ.

ޕޮޕޯފްއާއެކު ގައުމީ ޓީމުގެ އެހެން އޮފިޝަލުން ވެސް ވަނީ މިރޭ ތައާރަފްކޮށްފަ އެވެ. ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުންނަށް ހަމަޖައްސާފައިވަނީ މާޒިޔާގެ ކުރީގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރަކަށް ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އަސްލަމް އަބްދުލް ރަހީމް ހަމަޖައްސާފައިވާއިރު، ޓީމުގެ ކިޓް ޑޮކްޓަރަކީ އަހުމަދު ޝަކީބެެވެ. ކިޓް މެނޭޖަރަކީ އަބްދުލް ސައްތާރެެވެ.

ގައުމީ ޓީމުގެ މެނޭޖަރެއް މިރޭގެ ރަސްމިއްޔާތުގައި ތައާރަފެއް ނުކުރެ އެވެ. އެންމެ ފަހުން ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމުގައި ހުރީ އަހުމަދު މަހުލޫފް (މަހޭ) އެވެ.