ހަބަރު

ރަކީދޫގައި ދަރިފުޅު މަރާލީ މަންމަތަ؟

މިއަދު މެންދުރުވާން އުޅެނިކޮށް ވ.ރަކީދޫ މީހުންނަށް ސިހުން ގެނުވީ ބޮޑެތި ޒަހަމްތަކަކާ އެކު ކުޑަކުއްޖަކު މަރުވެފައި އޮއްވައި ފެނުނު ވާހަކަ ފެތުރިގެން ދިޔުމުންނެވެ. އެ ރަށު މެރިން ކޯނާގޭ ސިޓިންރޫމްތެރޭގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނީ ކޮން ކުއްޖެއްކަން އެނގުމުން އެކަން ގުޅުވައިލެވުނީ ކުރީގެ ހާދިސާތަކާ އެވެ. ކުރިމަތީ ފަރާތާއި ކަންފަތްމަތީގައި ވެސް "ތަޅައި އަނިޔާކޮށްފައި" އޮތް ދެ އަހަރުގެ މުހައްމަދު އިބްތިހާލަށް މީގެ ކުރިން ވެސް އަނިޔާކޮށްފައިވެ އެވެ. އެންމެ ފަހަރަކު ދެފަހަރަކު ނޫނެވެ.

އިބްތިހާލް މަރުވީ އަނިޔާކޮށްގެން ކަމެއް އަދި އަނިޔާކޮށްގެން ނަމަ ކާކު ދިން އަނިޔާތަކެއްގެ ސަބަބުން ކަމެއް އަދި ނޭނގެ އެވެ. އެކަމަކު މީގެ ކުރިން އެ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދު މަނިކު ވަނީ ކައުންސިލް އިދާރާ އަށް ހާޒިރުކޮށް ނަސޭހަތް ދީފަ އެވެ. އެކަމަކު ކުއްޖާގެ މަރާ މަންމައާ ގުޅުން ހުރި ކަމެއް ބުނަން އަދި އަވަހެވެ.

"ކުއްޖާ އަށް އަނިޔާކުރާ މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަށް ވެސް ކުރިން ވާނީ އެކި ފަހަރުމަތިން ހުށަހަޅާފައި. ފުލުހުން ވެސް ޖެންޑާ އިން ވެސް ކުއްޖާގެ މަންމައާ ސުވާލުކޮށް ތަހުގީގު ވެސް ކުރި. އެކަމަކު އެ ކުއްޖާ ހުންނަނީ ހަމަ މަންމަ ގާތުގައި،" ރަކީދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ރަކީދޫ މީހަކު ބުނީ ޖެންޑާގެ ބޭފުޅުން އެ ރަށަށް ވަޑައިގެން ކުއްޖާގެ މަންމައާ ބައްދަލުކުރި ކަމަށެވެ. އަދި ކައުންސިލް އިދާރާ އަށް ވެސް އެކި ފަހަރުމަތިން ވަނީ ހާޒިރުކޮށް ނަސޭހަތް ދީފަ އެވެ. އެކަމަކު އަނިޔާކުރުމަށް ނިމުމެއް ނާދެ އެވެ. އެންމެފަހުން، ކުޑަކުޑަ މުހައްމަދު ދުނިޔެ ދޫކޮށް ދިޔައީ ވެސް އަނިޔާތަކާ އެކުގަ އެވެ. އެކަމަކު އެ އަނިޔާތައް މިފަހަރު އައީ ކާކުގެ ފަރާތުން ކަމެއް ނޭނގެ އެވެ.

"އަޅުގަނޑުމެނަކަށް ދަންނަވާކަށް ނޭނގޭ އަނިޔާކޮށް މަރާލީއެކޭއެއް އެކަމަކު އަނިޔުާވެފައި ހުރި،" ކައުންސިލްގެ ރައީސް އާދަމް ސާމީ ވިދާޅުވި އެވެ.

ރަށު ބައެއް މީހުން ބުނާ ގޮތުގައި އިބްތިހާލް ގޭގެ ދޮރު ބިއްދޮށުގައި ގޮނޑިއެއް ބަހައްޓައިގެން ރޭގަނޑު ނިދިފައި އިންދާ ފެނެ އެވެ. ކުއްޖާގެ މަންމަ ބުނާ ގޮތުން އިބްތިހާލް "ގެއަކަށް ނުވަންނާނެ" އެވެ. އެކަމަކު ބެލެވެނީ އަނިޔާ ކުރާތީ ގޭތެެރެއަށް ވަންނަން ނުކެރިފައި އިންނަނީ ކަމަށެވެ.

އުމުރުން 30އާ ގާތްކުރާ އުމުރެއްގެ އާފިޔާ އޭނާގެ ދެ އަހަރުގެ ފިރިހެން ދަރިފުޅަށް އަނިޔާކުރާކަން އެންމެންނަށް އެނގޭ ކަމަށް ބުންޏަސް އެ ކުޑަ ކުއްޖާގެ މަރާ އާފިޔާއާ ގުޅުމެއް އޮތް ކަމެއް ނޭނގެ އެވެ. ކުއްޖާގެ މަރާ އެކު އާފިޔާ ވެސް ދެރަވެގެން އުޅޭ ކަމަށް ރަށު މީހުން ބުނެ އެވެ. ހޭނެތުނު ކަމަށްވެސް ވެ އެވެ.

ވ.އަތޮޅު އެހެން ރަށެއްގެ މީހަކާ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އަލަށް ކައިވެނިކުރި އާފިޔާ އަށް ތިން ދަރިން ލިބިފައިވެ އެވެ. މިއަދު މަރުވެފައި އޮއްވައި ފެނުނު ކުއްޖާ އަކީ އާފިޔާގެ މި ކައިވެނީގެ ކުރިން ވެސް ހުންނަ ދަރިއެކެވެ. އެއީ ދޮށީ ދަރިފުޅެވެ.