މިސްރު

ރަސޫލާއަށް ފުރައްސާރަ ކުރުމުން މިސްރުގެ ޖަސްޓިސް މިނިސްޓަރު މަގާމުން ވަކިކޮށްފި

މިސްރުގެ ޖަސްޓިސް މިނިސްޓަރު އަހްމަދު އަލް ޒެންދު މަގާމުން ވަކިކުރައްވައިފި އެވެ. ޒެންދު މަގާމުން ވަކިކުރައްވާފައިވަނީ މިސްރުގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ކީރިތަ ރަސޫލާއަށް ފުރައްސާރަކުރެއްވުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ އިންޓަވިއުގައި ހައްޔަރުކޮށްފައި ތިބި ނޫސްވެރިން މިނިވަން ކުރާނަންތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ޒެންދު ވަނީ ކޮންމެ މީހަކަށްވެސް ކުރި ކުށަކަށް އަދަބު ދޭން ޖަލަށް ލާނެ ކަމަށާއި އެއީ ކީރިތި ރަސޫލާއަށް ވިޔަސް އެ ހުކުމް އަންނާނެ ކަމަށެވެ.

އެހެން ނަމަވެސް ޒެންދު މަގާމުން ވަކިކުރެއްވިކަން އިއުލާނު ކުރައްވާ މިސްރުގެ ބޮޑު ވަޒީރު ޝާރިފް އިސްމާއިލް ނެރުއްވި ބަޔާނުގައި ޒެންދު މަގާމުން ވަކިކުރެއްވި ސަބަބު އަދި ތަފްސީލު ބަޔާންކޮށްފައެއް ނުވެ އެވެ.

ޒެންދު ރަސޫލާއަށް ފުރައްސާރަކުރި އިންޓަވިއު ދެއްކުމާއެކު މިސްރުގެ ގިނަބަޔަކު ވަނީ ޒެންދުއަށް ފާޑުކިޔާފަ އެވެ.

މިދިޔަ ޖެނުއަރީ މަހު މުސްލިމް ބްރަދާހޫޑުގެ 400،000 މެމްބަރުން މަރާލަން ޖެހޭ ކަމަށް ޒެންދު ވިދާޅުވުމާއެކު ވެސް ގިނަ ބަޔަކުވަނީ ޒެންދަށް ފާޑުކިޔާފަ އެވެ.