މާފުށިން

ފްރާންސް ދެމަފިރިން ރާއްޖޭގެ ތަޖުރިބާ "އަވަސް" އާއެކު!

  • ޓޫރިސްޓުންނާއެކު ގިނަ ވަގުތު ހޭދަކުރަން ލިބުނު
  • ގިނަ އަދަދެއްގެ ޓޫރިސްޓުން މާފުއްޓަށް އާދެ
  • ގެސްޓް ހައުސް މާކެޓުގެ ޑިމާންޑް ދަނީ އިތުރުވަމުން

މި އެކްސްކާސަން ދަތުރުގައި ޓޫރިސްޓުންނާއެކު "އަވަސް"ގެ ނޫސްވެރިން ވެސް ބައިވެރިވެ އެވެ. ޓޫރިސްޓުންނާއެކު ސްނޯކްލިން ކުރާއިރު އެމީހުން ބަލަހައްޓާނީ ވެސް އަވަސްގެ ނޫސްވެރިންނެވެ. ޓޫރިސްޓުން ގޮވައިގެން ވެލާ ބަލަން ފީނާނީ ވެސް އަވަސްގެ ނޫސްވެރިންނެވެ. ޑޮލްފިން ކްރޫޒްގައި ވެސް ޓޫރިސްޓުންނާއެކު ފީނާނެ އެވެ. މިއީ "އަލަކަ އެޓް މާފުށީ" ގެސްޓް ހައުސް އިން "އަވަސް" އަށް ދިން ފުރުސަތެކެވެ. މިކަަން ލީޑުކުރުމުގައި "އަވަސް" އާއެކު ބައިވެރިވާނީ އަލަކަ ގެސްޓް ހައުސްގެ ހުރިހާ ކަމަށް ފިޓު އަލީ ޔޫސުފް (އައްޔަ) އެވެ.

"ތިން މީހުން އަންނާތީ ދަތުރުގައި ބައިވެރިވާނީ އަހަރެން އެކަނި. އެހެންވީމާ ގެސްޓުންނާއެކު އަޑިއަށް ފީނަންވާނީ އަވަސްގެ ނޫސްވެރިން،" އެކްސްކާސަންގައި ފުރުމުގެ ކުރިން ދިން ބްރީފިންގައި އައްޔަ ބުންޏެވެ.

އައްޔަގެ ކެޕްޓަން ކަމުގައި "އަވަސް" ޓީމު ޓޫރިސްޓް ދެ މަފިރިންނާއި ސްރީ ލަންކާ ޓޫރިސްޓަކާއެކު ފުރީ ހެނދުނު 9.30 ގަ އެވެ. މި ދަތުރުގައި ބައިވެރިވާ ފްރާންސުގެ ދެމަފިރިންނަކީ ސަމީރާ ހިލް އާއި ސޮފިއާނޭ އިލިބަސް އެވެ. މި ދެމަފިރިން ރާއްޖެއައީ އެމީހުންގެ އުމުރުގައި ކުރި ހިތި ތަޖުރިބާތަކުގެ ހަނދާންތަކާ ދުރުވާށެވެ. މިދިޔަ އަހަރު ޕެރިހަށް ޓެރެސްރިސްޓުން ދިން ހަމަލާގައި ސަމީރާހިލްގެ ދައްތަ ވަނީ މަރުވެފަ އެވެ. އެކަމުގެ ސަބަބުން ފުން ހިތާމައެއްގެ ތެރެއަށް ގެނބިފައިވާ ދެމަފިރިން ހިތަށް ފިނިކަން ހޯދަން ރާއްޖެ ހިޔާރުކުރީ އެހެންވެ އެވެ.

"އަހަރެންނަށް ރާއްޖެ ފެނުނީ ނެޓުން. ފެނިފައި ރާއްޖެ ރީތިކަމުން އަަވަހަށް ރާއްޖެއައީ،" އަވަސް އަށް ވާހަކަ ދައްކަމުން ސޮފިއާނޭ ބުންޏެވެ.

ޕެރިހުގައި ހުންނަ "ފޯސީޒަން" ހޮޓަލެއްގައި މަަސައްކަތް ކޮށްފައިވާ ސޮފިއާނޭގެ ރާއްޖެ ހިޔާރު ކުރީ ހަމަހިމޭން ކަމުންނެވެ.

"ރާއްޖެއަކީ ހަމައެކަނި ރީތި ތަނެއް ނޫން. މިތަން [ރާއްޖެ] ވަރަށް ހަމަ ހިމޭން. ދުނިޔެ މަތީގެ ސުވަރުގެއެއް މިއީ،" އަލްޖީރިއާއަށް އުފަން، މިހާރު ފްރާންސުގެ ރައްޔިތުންނަށްވެފައިވާ ސޮފިއާނޭ ބުންޏެވެ.

މި ގޮތުން މި ދެމަފިރިން ގޮވައިގެން އަވަސްގެ ނޫސްވެރުން ފުރަތަމަ ވިލަށް ފޭބީ ވެލާ ބަލާށެވެ. ވެލާ ބަލަން ފޭބީ ފަޅުގެ ސަރަހައްދަކީ ރީތިކަމަށް މަޝްހޫރު ތަނެކެވެ. ނަމަވެސް އަހަރެމެންގެ ބަދުނަސީބުކަމުންކަން ނޭނގެ އެވެ. އާއްމުކޮށް 20-30 ވެލާ ފެންނަ ސަރަހައްދުން ވެލައެއް ފެންނަ ގޮތެއް ނުވި އެވެ. ސަބަބެއް ކަމަށް "އައްޔަ" ބުނީ ހިކިދިޔަ އޮތުމެވެ. ވެލާތަކާ ދިމާ ނުވި ނަމަވެސް ފުން ފަޅުގެ ގުދުރަތީ ރީތިކަން ފެނިފައި ފްރާންސުުގެ ދެމަފިރިން ތިބީ ސޮނިވެއްޓިފަ އެވެ.

"ބުނާނެ އެއްޗެއްވެސް ނޭނގެ. ވަރަށް ރީތި. މިވަރުގެ ރީތިތަނެއް ދުވަހަކުވެސް ނުދެކެން،" ސޮފިއާނޭ ހައިރާންކަމާއެކު ބުނެލި އެވެ.

"އަހަރެމެނަށް ދުނިޔޭގެ އެހެން ވަރަށް ގިނަ ތަންތަނަށްވެސް ދެވިއްޖެ. އެކަމަކު ދުވަހަކުވެސް މިހާރީތި ތަނެއް ނުދެކެން"

މި ފުން ވިލުގައި ފީނިއިރު އަވަސްގެ އަޕޯ އާއި އަޒާން އުޅުނީ ފަރުތަކުގެ ރީތިކަން ޓޫރިސްޓު ދެމަފިރިންނަށް ދެއްކުމަށެވެ. މިތަނަށް ފަހު ދެން ދިޔައީ "ރިހިވެލި ބީޗް ރިސޯޓް"ގެ ފަޅުތެރެއަށެވެ. އެ ފަޅުތެރެއޭ ބުންޏަށް އެއީ ފުން ވިލެކެވެ. މަޑުނޫ ކުލައިގެ ރީތި، ރިތީ ކުލައެއް ފެން މިތަނަކީ ކޯމަހަށް ހާއްސަ ތަނެވެ.

މިފަޅު ތެރެއަށް ލޯންޗް ވަނުމާއެކު ކޯމަސް ކަނޑު ފުމެ، އަރައި ނަށަން ފަށައިފި އެވެ. ލޯންޗުގެ ފަހަތުން އަންނަ ބާނިގަނޑުގައި ކޯމަސްތައް ޖައްސާއިރު ހީވަނީ ވަކި ގޮތަކަށް ތަމްރީން ކޮށްފައި ތިބޭ އެއްޗިހިތަކެއް ހެންނެވެ.

"ވާވް... ހާދަ ރީއްޗޭ،" ފްރާންސްގެ ދެމަފިރިން ހަމަ ހަގީގަތުގައިވެސް ތިބީ ހައިރާންވެފަ އެވެ.

އެ ދެމަފިރިންނަކަށް ނުތިބެވުނެވެ. މޫނުމަތި އަޅައިގެން ކޯމަސް ބަލަން ވިލުތެރެއަށް ފުންމާލައިފި އެވެ. ތަންކޮޅެއް ދުރަށް ޖެހިލިނަމަވެސް އިންސާނުންނާ ގައިގޯޅި އެ ކޯމަސް އިރުކޮޅަކާ ކައިރިއަށް އާދެ އެވެ.

"މޫދުގައި އޮންނަ އިރު ރޫސް... ރޫސް... ލާފަ ރީތިކޮށް އަޑުއިވޭ. ކޯމަސް އަހަރެންނާ ފަސް މީޓަރު ކައިރިއަށް އައި. މިއީ ވަރަށް ހާއްސަ ތަޖުރިބާއެއް،" ސަމީރާހިލް ބުންޏެވެ.

ކޯމަސް ބެލުމަށްފަހު އަނބުރާ ދިޔައީ ސޭންޑް ބޭންކަށެވެ. އެތާނގެ ހުދު ދޮންވެލިން ޖަރީވެފައިވާ ރީތިކަން ބަލައިލާ ފައިބީއްސާލަށެވެ. އަދި އެތަނުގައި ތިބެ މެންދުރުގެ ކެއުމަށް އިންސާފު ކުރުމަށެވެ.

"ރާއްޖެ ވަރަށް ހޫނުގަދަ. އެކަމަކު ވަރަށް ރީތި. އަހަރެން ހަަމަ އަޖައިބު ވެއްޖެ. ދުވަހަކުވެސް މިހާ ރީތިތަނެއް ނުދެކެން،" ސޮފިއާނޭ ބުންޏެވެ.

މި ދަތުރުގައި މި ދެމަފިރިން ނައިޓް ފިޝިންވެސް ތަޖުރިބާ ކުރި އެވެ. މިއީ ރާއްޖެއަށް އަންނަ މެދުފަންތީގެ ދެމަފިރިންގެ ތަޖުރިބާ އެވެ. މި ތަޖުރިބާގައި "އަވަސް" ވެސް ހިއްސާވުމަކީ ވެސް ފަހުރެކެވެ.