ތިމާވެށި

ތިމާވެށީގެ ދާއިރާއިން މީހުން ތަމްރީނު ކުރަން ސްކޮލަޝިޕް ދީފި

ތިމާވެށީގެ ދާއިރާއިން މީހުން ތަމްރީނުކުރަން ގައުމީ ޔުނިވާސިޓީގައި ކިޔަވާ 16 ކުއްޖަކަށް ސްކޮލަޝިޕް ދީފި އެވެ.

މި ސްކޮލަޝިޕަކީ އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭ އެހީގައި ވޯލްޑް ބޭންކާއި ދިވެހި ސަރުކާރާ ގުޅިގެން ގައުމީ ޔުނިވާސިޓީގައި ހިންފާ ބެޗްލާ އޮފް އެންވާރަމެންޓަލް މެނޭޖެމެންޓު ކޯހުގައި ކިޔަވަން ދިން ސްކޮލަޝިޕެކެވެ.

ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދަރިވަރުންނަށް ސްކޮލަޝިޕް ހަވާލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ކުރިއަށް އޮތް ތާނގައިވެސް ފަންޑު ހޯދައިގެން މި ދާއިރާއިން ސްކޮލަޝިޕް ދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ވަޒީފާ ނެތް އަދި ވަޒީފާ ނުލިބޭ ދާއިރާއެއް ނޫން ކަމަށާއި ތިމާވެށީގެ ދާއިރާ އަކީ ޔަގީންކަމާއެކު ވަޒީފާ ލިބޭނެ ދާއިރާއެއް ކަމަށެވެ. އަދި ދުނިޔެ ތަރައްގީ ވަމުން އަންނަ އިރު ތިމާވެށްޓަށް ވެސް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި އެކަމަށް މީހުން ތަމްރީނުކުރަން ޖެހޭ ކަމަށެވެ.

މިއަދު ސްކޮލަޝިޕް ދީފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު ސްކޮލަޝިޕަށް ހުށަހެޅި ކުދިންނަށެވެ. މިނިސްޓްރީން ބުނީ މި ސްކޮލަޝިޕްގެ ޖުމްލަ އަގު 1.2 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މި ކޯސް ގައުމީ ޔުނިވާސިޓީގައި އެންމެ ފުރަތަމަ ފަށާފައިވަނީ 2011 ވަނަ އަހަރެވެ.