އެފްއޭއެމް

ފީފާއިން މިއަދު ނޫނީ މާދަމާ ރާއްޖެ ސަސްޕެންޑްކުރަނީ!

އެފްއޭއެމުގެ އިންތިހާބުގެ މައްސަލާގައި ފީފާ އިން ރާއްޖެ އަށް އެންމެ ފަހުގެ އިންޒާރު ދީފައިވީ ނަމަވެސް އެ ޖަމާއަތުން ބުނާގޮތް ނުހެދުމުން ދެން އަންނާނީ ސަސްޕެންޝަނެއް ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަދި އޭއެފްސީ އެކްސްކޯ މެމްބަރު މުހައްމަދު ޝަވީދު މިއަދު ވިދާޅުވީ މިއަދު ކުރިއަށްދާ ފީފާގެ ބައްދަލުވުމުގައި ރާއްޖެއާ މެދު ވަކިގޮތެއް ނިންމާނެ ކަމަށެވެ. އަދި މާދަމާ ބާއްވާ ފީފާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި އެނިންމުން ތަންފީޒުކުރާނެ ކަމަށާއި އެނިންމުމަކީ ރާއްޖެ ސަސްޕެންޑްކުރުން ކަމަށް ފީފާއިން ބުނެފައިވާ ކަމަށެވެ.

"އެކަމަކު އަޅުގަނޑު މިހާރު ވެސް އެދެފިން އިތުރު ފުރުސަތެއް ދޭން. ކުލަބުތަކާ ސަރުކާރާ ވާހަކަ ދައްކައިގެން ފީފާއިން މި މައްސަލަ ހައްލުކުރުމަށް. އެކަމަކު އަޅުގަނޑު މި ގޮތަށް އެދުނަސް މިއަދުގެ ކޮމިޓީން ވަކިގޮތެއް ނިންމާނީ. މިދިޔަ ނޮވެމްބަރު މަހު ފީފާއިން ތިބީ ރާއްޖެ ސަސްޕެންޑްކުރަން. އެފަހަރު ވެސް އަޅުގަނޑަށް ވަރަށް ވާހަކަ ދައްކައިގެން ސަސްޕެންޑް ނުކޮށް މަޑުކުރީ. އެކަމަކު އަނެއްކާ ވެސް އަސާސީ ގަވާއިދު މި ފާސްކުރީ ފީފާއިން ބުނި ގޮތަކަށް ނޫން. މިހެންވީމަ އަޅުގަނޑު ވާހަކަ ދެއްކިޔަސް އަބަދަކު ފީފާއިން ވެސް ގަބޫލެއް ނުކުރާނެ،" ޝަވީދު ވިދާޅުވި އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ރާއްޖެ އަށް އިތުރު ފުރުސަތެއްދޭން ނިންމައިފިނަމަ އެގޮތަކަށްވާނީ ދިވެހި ސަރުކާރާއި ކުލަބުތަކާއެކު ވާހަކަ ދައްކައިގެން މަދުވެގެން އެއް މަސްދުވަހުގެ ތެރޭގައި އެފްއޭއެމް އިންތިހާބު ކުރުން ކަމަށް ވެސް ޝަވީދު ވިދާޅުވި އެވެ.

"އިތުރު ފުރުސަތެއްދޭން އަސްލު ފީފާއިން މިހާރު ބޭނުމެއްނުވޭ. އެއީ އެބޭފުޅުން ރާއްޖެ އައިސް މިތަނުގެ މިވާގޮތް ވަރަށް ރަނގަޅަށް ބަލައިފި. އެންމެ ފަހުން އައި ފަހަރު ވެސް ހޯމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން އިންތިހާބު ހުއްޓުވީ. ފީފާގެ އޮފިޝަލުންނާ ބައްދަލުނުކުރި. މިހެންވީމަ އަޅުގަނޑަށް ވެސް އިތުރު ފުރުސަތުދޭން އެބޭފުޅުންނާ ވާހަކަ ދެއްކޭނީ ވަކިވަރަކަށް. އަބަދަކު އަޅުގަނޑު ބުނާ އެއްޗެއް ގަބޫލެއްނުކުރާނެ،" ޝަވީދު ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ފާސްކުރި އެފްއޭއެމުގެ އަސާސީ ގަވާއިދަކީ ފީފާގެ ރިފޯމް ސިސްޓަމާ ވެސް ހިލާފު އެއްޗެއް ކަމަށާއި މިހެންވެ ފީފާއިން އަސާސީ ގަވާއިދު ގަބޫލުނުކުރާ ކަމަށް ވެސް ޝަވީދު ވިދާޅުވި އެވެ. އަސާސީ ގަވާއިދު ރިޕޯމް އެޖެންޑާއާ ހިލާފުވަނީ އަންހެން މެމްބަރުންނާއި އިންޓަރެސްޓް ގްރޫޕުތަކަށް ވޯޓު ނުލެވޭގޮތަށް އޮތުމުންނެވެ.

"މި އަސާސީ ގަވާއިދު ފާސްކުރީ ހޯމް މިނިސްޓްރީން ވެސް ތިބެގެން. އެކަމަކު ހޯމް މިނިސްޓްރީން މި އަސާސީ ގަވާއިދު ތަތްގަނޑު ޖަހައިނުދިން. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި މިހާރު ވަނީ އެޓާނީ ޖެނެރަލްގެ ލަފާއަށް ފޮނުވާފައި ކަމަށްވަނީ. އެކަމަކު ފީފާއިން ވަރަށް ސާފުކޮށް ބުނޭ ތިމަންނަމެން ގަބޫލެއް ނުކުރަމޭ މި އަސާސީ ގަވާއިދު. ހޯމް މިނިސްޓްރީން ވެސް ފީފާއިން ގަބޫލުނުވާ ގޮތަށް އަސާސީ ގަވާއިދު ފާސްކުރަން ފުރުސަތުދިނީ. އެކަމަކު ހޯމް މިނިސްޓްރީ ބޭނުންވާ ގޮތަށް ފާސްކުރީމަ ތަތްގަނޑެއް ޖަހައިނުދޭ. ދެން މި އަސާސީ ގަވާއިދު އޮތް މީގައި ވަރަށް ގިނަ ބައެއްގެ ހައްގު ގެއްލިފައި އޮތުމުން ރައީސް ޔާމީން ވެސް ބޭނުންފުޅެއްނުވޭ މީތި ފާސްކުރަން. އެހެންވީމަ ރައީސް އޮފީހުން ނޯޓެއް ދިޔަ ކަމަށްވަނީ މިކަން ނުކުރަން. މީގެ ފީފާ އާއި ރައީސް ޔާމީންގެ ވިސްނުން އެއްގޮތްވޭ،" ޝަވީދު ވިދާޅުވި އެވެ.