ކުޅުދުއްފުށި

ކުޅުދުއްފުށީ ކުޑަކުދިންގެ ހިޔާއަށް ފައިސަލް އެހީވެދީފި

ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކުޑަ ކުދިންގެ ހިޔާއަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ބައެއް ތަކެތި ހަދިޔާކުރައްވައިފި އެވެ. ފައިސަލް ވަނީ ޓީވީއަކާއި، ވޯޑްރޮބެއް ހަދިޔާކުރައްވާފަ އެވެ.

ފައިސަލް ފައުންޑޭޝަނުގެ ނަމުގައި މި ތަކެތި ހަވާލުކުރެއްވީ އިއްޔެ ޖެންޑާ މިނިސްޓްރީއަށެވެ. ފައިސަލް ފައުންޑޭޝަނަކީ އިޖުތިމާއީ ގިނަ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފައުންޑޭޝަނެކެވެ. އެ ފައުންޑޭޝަނުން ބުނި ގޮތުގައި، ކުޅުދުއްފުށީ ކުޑަ ކުދިންގެ ހިޔާއަށް އެންމެ ފުރަތަމަ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މަގުސަދަކީ، އެހެން މީހުން ވެސް އެ ހިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރު އެޅުވުމަށެވެ.

ކުޅުދުއްފުށީ ކުޑަ ކުދިންގެ ހިޔާގައި ކުދިން އުޅެމުންދާ ހާލު ވަނީ މީޑިއާތަކަށް ހާމަވެފަ އެވެ. އެ ހިޔާގައި ކުދިން ބިންމަތީގައި ގޮދަނޑި އަޅައިގެން ނިދާއިރު މުނިފޫހިފިލުވުމަށް ވެސް އެއްވެސް ކަމެއް އެ ހިޔާގައި ނުކުރެ އެވެ. އަދި ބޭރަށް ނިކުމެ ކުޅެލާނެ ސަރަހައްދެއް ވެސް އެ ހިޔާގައި ގާއިމުކޮށްފައެއް ނުވެ އެވެ.

ހިޔާގެ މިފަދަ މައުލޫމާތެއް މީޑިއާތަކަށް ތިލަވުމުން، އެ މައްސަލަ ޖެންޑާ މިނިސްޓްރީން މިހާރު ދަނީ ބަލަމުންނެވެ. ޖެންޑާ މިނިސްޓްރީގެ ޓީމެއް ވެސް އެ ހިޔާއަށް ޒިޔާރަތްކޮށްފައިވެ އެވެ.