މުހައްމަދު ނާޒިމް

ސުޕްރީމް ކޯޓުގައި ނާޒިމްގެ މައްސަލަ އިލްތިމާސް ކުރާނަން: އާއިލާ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރާނެ ކަމަށް ނާޒިމްގެ އާއިލާއިން ބުނެފި އެވެ.

-- އިލްތިމާސް ކުރުމާއި އިސްތިއުނާފު ކުރުން ވެސް އެންމެ ރަނގަޅެވެ. --

ނާޒިމަށް ހައިކޯޓުން ހުކުމް އިއްވުމުން، އެ ކޯޓު ބޭރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ އަނބިކަނބަލުން އަފާފު އަބްދުލްމަޖީދު ވިދާޅުވީ، ނާޒިމްގެ މައްޗަށް ކުރެވުނު ހުކުމް ގަބޫލެއް ނުކުރެވޭ ކަމަށާއި ރާއްޖޭގެ ޝަރުއީ ނިޒާމް ހަރުދަނާ ނުވެ އިންސާފު ލިބޭނެ ގޮތެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން އިސްތިއުނާފު ކުރާނަން، ގޯހެއް ނުކުރާހާ ހިނދަކު ވަރަށް އުއްމީދުތަކާއެކު އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ދާނީ، ވަރަށް އުއްމީދުތަކާއެކު އަޅުގަނޑުމެން ހައިކޯޓުގައި ވެސް އިސްތިއުނާފުކުރީ އެކަމަކު ވެގެން މިދިޔައީ އެހެން ގޮތެއް، އަޅުގަނޑާއި އަޅުގަނޑު ފިރިމީހާ ނާޒިމް ނިދާ ކޮޓަރީގައި އޮތް އެއްޗެއްގެ ވާހަކަ މި ދައްކަނީ، އެކަމަކު ހަމަ ނިމިގެން ދިޔަ ނާޒިމް ގެންގުޅުން އެއްޗަކަށް މިވީ، އެ ބޭފުޅުން ބޭނުންވާ ގޮތަށް ހުކުމް މިކުރަނީ، އަޅުގަނޑުމެން ވަަރަށް ހިތާމަކުރާ ދުވަހެއް މިއީ، ސުޕްރީމް ކޯޓަށް ދާނީ އިންސާފު ލިބޭތޯ،" އަފާފު ވިދާޅުވި އެވެ.

ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ވިދާޅުވީ، އިސްތިއުނާފުކުރުމުގެ މަސައްކަތް މިހާރު ވަކީލުންނާއެކު ކުރަމުންދާ ކަމަށާއި އުއްމީދުކުރައްވަނީ ސުޕްރީމް ކޯޓުގައި ތިއްބަވާނީ އަމާނަތްތެރި ތެދުވެރި ފަނޑިޔާރުން ކަމަށެވެ. އާޒިމް ވިދާޅުވީ، މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށާއި ގައުމަށް ވެސް ކުރިމަތިވި ހިތާމަވެރި ދުވަހެއް ކަމަށެވެ.

"އާއިލާގެ ހުރިހާ މީހުންނާއި ގާތް ރަހުމަތްތެރިން މިކުރާ މަސައްކަތް ހުއްޓައެއް ނުލާނަން، ހާއްސަކޮށް އަޅުގަނޑުމެން އަދާލަތު ޕާޓީ، ޖޭޕީ އަދި އެމްޑީޕީއިން ނާޒިމް މިނިވަންކުރުމަށް ކުރާ މަސައްކަތްތަކީ އަޅުގަނޑުމެން އާއިލާއިން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް،" އާޒިމް ވިދާޅުވި އެވެ.

ހައި ކޯޓުން ނާޒިމަށް ހުކުމް އިއްވި އިރު ބުނެފައި ވަނީ ނާޒިމްގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކުރާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށެވެ. ހައިކޯޓުން ނާޒިމްގެ މައްޗަށް ކުރި ހުކުމް އިއްވީ ތިން ފަނޑިޔާރުންގެ ވެސް އަގުލަބިއްޔަތުންނެވެ.

ނާޒިމްގެ މައްޗަށް ދައުވާ ކުރީ ޖެނުއަރީ 18، 2015 ގެ ރޭގެ ދަންވަރު ފުލުހުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެ، ބަލައި ފާސްކުރުމުގެ ތެރޭގައި ފިސްތޯލަކާއި ތިން ވަޒަނާއި މެގަޒިނެއްގެ އިތުރުން އަައިއީޑީއެއް ފެނިގެނެވެ.