ރާއްޖެ ކުޅިވަރު

އިތުރު ވަގުތުގައި މާޒިޔާ ބަލިކޮށް، ޕީޑީއާރްއެމް ޗެމްޕިއަންކަން ހޯދައިފި

މާޒިޔާ ސްޕޯޓްސް އިން ރެކްރިއޭޝަން އިން ފަހަތުން އަރައި 3-3 އަށް މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ނަތީޖާ އެއްވަރުކުރި ނަމަވެސް ، އިތުރު ވަގުތުގައި އަލީ އަޝްފާގް (ދަގަނޑޭ) އާއި މާލީގެ ފޯވަޑް ޑްރަމާނޭ ޓްރައޯރޭ ޖެހި ދެ ލަނޑާއެކު ދިހަ މީހުންނާއެކު މެޗު ނިންމާލި މާޒިޔާ އަތުން 5-4 އިން މޮޅުވެ ޕީޑީއާރްއެމް މުބާރާތުގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.

ފޯރިގަދަ ފައިނަލް މެޗުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހެޓްރިކެއް ހެދި އެވެ. އަދި ޕީޑީއާރްއެމްގެ މާލީ ފޯވަޑް ޑްރަމާނޭ ޓްރައޯރޭ މި މެޗުގައި ދެ ލަނޑު ޖެހި އެވެ.

ޕީޑީއާރްއެމް އިން މެޗުގައި 3-0ގެ ލީޑެއް ނެގި ނަމަވެސް، މެޗުގެ ފަހު 20 މިނިޓުގެ ތެރޭގައި މާޒިޔާ އިން ވަނީ އާދަޔާ ހިލާފު ހިތްވަރެއް ދައްކައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އެކަމަކު އިތުރު ވަގުތުގައި ދިހަ މީހުންނާއެކު ކުޅެން ޖެހުނު މާޒިޔާގެ މައްޗަށް އިތުރު ވަގުތުގައި ޕީޑީއާރްއެމް އިން ވަނީ ކުރި ހޯދައިފަ އެެވެ.

މެޗުގެ 11 ވަނަ މިނިޓުގައި ޕީޑީއާރްއެމް އިން ލީޑު ނެގީ ޓްރައޯރޭ ޖެހި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ޓްރައޯރޭ ތިރިތިރިން ފޮނުވާލި ބާރު ޝޮޓް އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.