ޕީޕީއެމް

މަހާސިންތާ ހުޅުވައިދޭނީ ނިހާން، ކުރީގެ ރައީސުންނަށް ދައުވަތެއް ނުދޭ

ރައީސް އަބްދުﷲ ޔާމީންގެ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް ތައްޔާރުވުމުގެ ގޮތުން ކެމްޕޭން ލީޑަރުން ތައްޔާރު ކުރަން ބާއްވާ މަހާސިންތާގެ ތިންވަނަ ބުރު މިރޭ ފަށާއިރު، މަހާސިންތާ ހުޅުވައިދެއްވާނީ ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ކަމަށް ރައީސް ޔާމީން ކެމްޕެއިން އޮފީހުން ބުނެފި އެވެ.

އެ އޮފީހުގެ ފަރާތުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، މަހާސިންތާގެ އިފުތިތާހީ ޖަލްސާ މިރޭ ދަރުބާރުގޭގެ ރަންޑަބަނޑޭރި މާލަމުގައި އޮންނާނެ ކަމަށާއި މަހާސިންތާ ހުޅުވައިދެއްވާނީ މެޖޯރިޓީ ލީޑަރު ނިހާން ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވަޑައިގަންނަވަ އެވެ. އަދި މަހާސިންތާ ނިންމުމަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވާނެ އެވެ.

"ހުކުރު ދުވަހުގެ ހެނދުނު ފެށިގެން ސެޝަންތައް ކުރިއަށްދާނެ، ހުކުރު ވަގުތަށް މެދުކެނޑުމަށްފަހު އަނެއްކާވެސް މެންދުރުފަހު ކުރިއަށްދާނެ، ހޮނިހިރު ދުވަހު ހެނދުނުން ފެށިގެން ހުރިހާ ސެޝަންތަކެއް ކުރިއަށްދާނެ، ސެޝަންތަށް ނަންގަވައި ދެއްވާނީ އެކިއެކި ދާއިރާތަކުން ޑިގްރީ އާއި މާސްޓާސް ނަންގަވައިގެން ތިއްބެވި ގާބިލު ބޭފުޅުން، ސިޔާސީ ބޭފުޅުންނެއް ނޫން، މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވޭ އިލްމީ ގާބިލު ބައެއް ތަމްރީނުކުރުމަށް ބޭއްވޭ އެންމެ ފުރިހަމަ މަސައްކަތް، މަހާސިންތާގެ މޭސްތިރިއަކީ މެޑަމް ފާތުންކަން ވެސް ފާހަގަކޮށްލަން،" މުއާޒު ވިދާޅުވި އެވެ.

މަހާސިންތާއަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެތޯ ނޫސްވެރިޔަކު ކުރި ސުވާލުކަށް ޖަވާބު ދެއްވަމުން މުއާޒު ވިދާޅުވީ، ޕީޕީއެމްގައި ރާއްޖޭގެ ރައީސްކަން ކުރައްވާފައި ތިއްބެވި ދެ ރައީސުންނާއި މިހާރުގެ ރައީސް އެބަ ހުންނެވި ކަމަށާއި، އެ ބޭފުޅުން ހަފުލާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އެއް ރައީސަކު އަނެއް ރައީސަކާ ފައްތަރުނުވާ ގޮތުގެ މަތިން ކަމަށެވެ.

"އަޅުގަނޑުމެންގެ އިއްޒަތްތެރި ރައިސުލްޖުމްހޫރިއްޔާ އާއި ޕީޕީއެމްގެ ރައީސްއާ ދެ ބޭފުޅުންގެ ދެމެދުގައި އަޅުގަނޑުމެން މިކަން މިފަހަރު މި ދޫކޮށްލެވީ، އެއީ އަޅުގަނޑުމެންގެ މަހާސިންތާގެ މިފަހަރު މި ގެންގުޅުނު އުސޫލަކީ، ދެ ރައީސުން ދެ ރައީސުންނަށް ވާހަކަ ދައްކަވަފާ ނިންމަވާ ގޮތެއްގެ މަތިން ދެން މިރޭ ފެނިގެންދާނެ،" މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ، މަހާސިންތާ ބާއްވަނީ ވަކި ބަޖެޓެއްއެ ކަނޑައަޅައިގެން ނޫން ކަމަށާއި މަހާސިންތާއަކީ ކެމްޕޭން އޮފީހަށް ހެޔޮ އެދޭ ފަރާތްތަކުގެ އެހީއާއެކު ބޭއްވޭ ހަރަކާތެއް ކަމަށެވެ. އަދި މަހާސިންތާގެ ތިންވަނަ ބުރަކީ އެންމެ ފަހު ބުރު ނޫން ކަމަށާއި އަދިވެސް އިތުރު ބޮޅުތައް ފެނިގެންދާނެ ކަމަށެވެ.