އަވަސް ވީކެންޑް

ފެހުމުގައި ވަހީދާ: ވަތުއޮޑީގެ ބުރު ނޭނގޭ!؟

Mar 18, 2016
1
  • މަސައްކަތް ފެށީ އުމުރުން 15 އަހަރުގައި
  • މަޝްހޫރީ ޑިޒައިންތައް ގެންނަ ހުނަރުވެރިއެއްގެ ގޮތުގައި
  • ގައުމީ އިނާމު ލިބޭނެ ކަމަށް އުންމީދު ކުރޭ

ރީތި ހެދުމެއް ފަހަން ހިތުއަޅާ ހިސާބުން އެ ދިމާލަށް ހިނގަން ފަށާށެވެ. އެ ތަނުން ނުވާނެ ކަމެއް ޔަގީނުން ވެސް ނޯންނާނެ އެވެ. އޭނާގެ ހުނަރުން ނުކުރެވޭނެ ކަމެއް ނެތެވެ. ލިބާހުގައި ކަސަބުން ބޯވަޅު އަޅަން ޖެހުނަސް އެކަންވެސް ވާނެ އެވެ. ހެދުމެއް ފަށުވިން ޖަރީކުރަން ޖެހުނަށް މި ފަހާފޮށީގެ ތިނޯސް އެކަމަކަށް ތޫނުވާނެ އެވެ. މި ހުނަރުވެރިއަކީ އައިޝަތު ވަހީދާ އެވެ. އާއްމުނަމުންނަމަ "ވަހީދާ" އެވެ.

"ފެހުމުގެ ހުރިހާ މަސައްކަތެއް ވެސް މި ތަނުން ކުރެވޭނެ،" ސިނަމާލެ ފްލެޓުގައި ހުޅުވާފައިވާ "ކްރިއޭޓިވް ޑިޒައިން" ގައި އިނދެގެން "އަވަސް" އަށް އިންޓަވިއު ދެމުން ވަހީދާ ބުންޏެވެ.

ފެހުމުގައި ވަހީދާގެ ވަތުއޮޑި އެނބުރެން ފެށީ އުމުރުން އެންމެ 15 އަހަރުގަ އެވެ. އޭރު ވެސް އޭނާގެ ލޮލަކީ ތިނޯހަށް ރޮދި ލެއްވުމުގައި އެންމެ ތޫނު ފިލި އެއް ލޮލެވެ. އައްޑު އަތޮޅު ފޭދޫ މީހުންގެ މެދުގައި ވަހީދާ މަޝްހޫރު ނުވިނަމަވެސް އޭނާގެ ނަން މަޝްހޫރު ވެގެން ދިޔަ ހިސާބު އެނގޭ ހެއްޔެވެ؟

"އަބަދު ވެސް މި [ފެހުމަށް] ކަމަށް ޝައުގުވެރިކަން ހުރޭ. ހިތަށް އެރީ އަމިއްލައަށް ލާރި ލިބޭނެ ކަމެއް ކުރަން ވެގެން ފެށީ،" ވަހީދާ ބުންޏެވެ.

ވަހީދާ ފެހުމުގެ ވާހަކަ މިހާ ހިސާބުން ކުރިއަށް ގެންދެވެން އަންނަނީ އޭނާގެ މަންމައާ ހިސާބުންނެވެ. އެންމެ ކުޑައިރު ވެސް މަންމަ ފަހާތަން އޭނާއަށް ފެނެ އެވެ. މިކަން ވެގެން ގޮސްފައިވަނީ އޭނާ ފަހާ ފޮށީގެ ކައިރީގައި އިށީންނަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށް ވަހީދާ ފާހަގަ ކުރި އެވެ.

"ފުރަތަމަ ގޭގެ ކުދިންނަށް ހެދުން ފަހަން ފެށީ. އެހެންވެ އެންމެ ފަހުން މީހުންނަށް ފެނިގެން ހެދުންތައް ރީތިވެގެން މީހުން އަންނަން ފެށީ،" ވަހީދާގެ މަސައްކަތް ވައިގައި ހިފި ހިސާބު ކިޔައިދެމުން ވަހީދާ ބުންޏެވެ.

"މީހުންނަށް ކަމުގޮސްގެން މީހުން ތައުރީފު ކުރޭ. އެހެންވެ އެނގުނީ މިކަމަކީ ވަރަށް ރަނގަޅު ދާއިރާއެއްކަން."

ވަހީދާގެ ކްރިއޭޓިވް ޑިޒައިންގައި މިހާރު ފަހަނީ ހަމައެކަނި ވަކި ޖިންސެއްގެ ހެދުން އެކަންޏެއް ނޫނެވެ. އޭނާގެ މިތަނުގައި ދެ ޖިންސުގެ އަންނައުނު ފަހަ އެވެ. ހެދުން ފަހައެވެ. ގަމީސް ވެސް ފަހާނެ އެވެ.

"ރަށުގައި [ފޭދޫގައި] 10 އަހަރު މަސައްކަތް ކުރިން. 1995 ވަނަ އަހަރު މާލެ އައީ. މާލެ އައިސް މިކަން ފެށީ. އައިއިރު ރަށުގެ މީހުން ވެސް މާލޭގައި އުޅޭތަ؟ އެ މީހުންނަށް ވެސް އެނގިގެން އައީ،" ވަހީދާ ބުންޏެވެ.

ވަހީދާގެ ފެހުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބުގެ ވާހަކަ ދައްކާނަމަ އޭނާއަކީ ފެޝަނަށް ލޯބިކުރާ މީހުންގެ ހިތް ފަތަހަކޮށްފައިވާ ފެހުންތެރިއެކޭ ބުނެވިދާނެ އެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަހީދާ މަޝްހޫރެވެ، ހެދުމުގައި ތަފާތު ބަނޑި، ބަނޑި ލައްވައި ވައްތަރުތައް ޖައްސާލަން އޭނާ ވަރެއް ހަމަނެތެވެ.

"އެމީހަކާ ގުޅޭ ޑިޒައިނަށް ފަަހާލަނީ. ގިނަ މީހުން އައިސްފައި ބުނަނީ ވަހީދާއަށް ރީތި ގޮތަކަށް ފަހާލާށޭ! އެގޮތަށް ފަހާލީމަ ގިނަ މީހުން ވަރަށް ހިތްހަމަ ޖެހޭ،" ވަހީދާ ބުންޏެވެ.

ވަހީދާ މި ހިސާބަށް އައިސްފައިވަނީ ހަމައެކަނި މަސައްކަތު ތަޖުރިބާއަކުން ނޫނެވެ. އޭނާވަނީ މި ދާއިރާ އިން ތަމްރީންތައް ވެސް ހަދާފަ އެވެ. ފެހުމުގެ ދާއިރާގައި ގިނަ ތަމްރީންތަކެއް ފުރިހަމަ ކުރި އެވެ.

ފެހުމުގައި ވަހީދާ ދަނީ ތަފާތު ކަމެއް ކުރަމުންނެވެ. އޭނާ މިހާރު އެންމެ ގަޔާވާ އެއް ކަމަކީ ދިވެހި ލިސާބް ފެހުމެވެ. ފަހާފޮށި ބޭނުންކޮށްގެން ލިބާހުގައި ބޯވަޅު އެޅުމަށް ކުރަމުން ގެންދާ ހުނަރުވެރި ކަމާއެކުގަ އެވެ.

"ލިބާސް ވަކި ގޮތަކަށް ކަނޑަން ޖެހެނީ. މިކަން ދަސްކުރީ މަންމަގެ ފަރާތުން. މިހާރު މި މަސައްކަތަކީ މިތަނުގެ އެންމެ ހާއްސަ އެއް މަސައްކަތް. މާދަރީ ބަހުގެ ދުވަސް ކަހަލަ ދުވަސްތަކުގައި ނުފެހިފައި ހުންނަނީ. ބޮޑެތި މީހުން ބޭނުންވަނީ ކުރީގެ ގޮތަށް. މި މަސައްކަތް މިކުރަނީ ކަސަބު ބޭރުން ގެނެސްގެން،" ވަހީދާ ބުންޏެވެ.

ވަހީދާ މަސައްކަތުގައި މި ހިސާބަށް އާދެވިފައިވާއިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާފައިވެ އެވެ. ނަމަވެސް އެކަމުގައި އޭނާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ ހުރީ ކުރިއަށްދާށެވެ.

"މަސައްކަތް މިކުރަނީ ބޮޑު ޗެލެންޖަކަށް ބަލާފައި. އެކަމަކު ހިތަނަށް ނާރާ ނުވާނެއެކޭ! ނޫނީ ނުކުރެވޭނެ އެކޭ!،" ވަހީދާ ބުންޏެވެ.

ވަހީދާގެ ކޮންމެ މަސައްކަތެއް ވެސް ކުރަނީ ކުރާ ހިތުންނެވެ. ނަމަވެސް ފާހަގަ ކޮށްލެވޭ ހާއްސަ ގިނަ މަސައްކަތްތަކެއް އޭނާ ފާހަގަ ކުރެ އެވެ. އެގޮތުން އެންމެ ފާހަގަ ކުރެވޭ އެއް ހެދުމަކީ އޭނާގެ އަންހެން ދަރިފުޅު އައިމިނަތު މުބާރަކްއަށް ފަހައިދިން ހެދުން ހިމެނެ އެވެ. މީގެ އިތުރުން ފިރިހެން ދަރިފުޅު މުނާޒުގެ އަންހެނުންގެ ވެޑިން ޑްރެސް ފާހަގަ ކުރެ އެވެ.

"މިހާރު ކުދިން ވެސް މިކަމަށް ޝައުގުވެރިކަން ހުރޭ. އައިމިނަތު ވެސް ފަހާތަނެއް ހަދައިގެން ކުރިއަށް އެބަދޭ،" ލަވަ ކިޔުންތެރިޔާ މޫޝާން މުބާރަކް (މުއްމު) ގެ މަންމަ ބުންޏެވެ. "އެ ކުދިންނަށް ވެސް މިހާރު އެނގޭ މިކަމަކީ ކުރާނަމަ ކާމިޔާބު ކަމެއް ކަން. މިއީވެސް ކާމިޔާބީއެއް."

ވަހީދާގެ މަސައްކަތުގައި އޭނާ ހުރީ އުންމީދުން ފުރިފަ އެވެ. އޭނާގެ ހުވަފެނަކީ މި ވިޔަފާރި ފުޅާކުރުމެވެ. އެކަމަށްޓަކައި "އެސްއެމްއީ ލޯނަށް" ފޯމު ވެސް ލައިފި އެވެ. މީގެ އިތުރުން އޭނާ ހުރީ މަސައްކަތްތެރިންނަށް ސަރުކާރުން ދެއްވާ އިނާމު ލިބޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

"ބޭނުންވަނީ ދިވެހި އުފެއްދުންތައް އުފައްދަން. ދިވެހި އުފެއްދުންތަކަށް ޝޯވް ރޫމެއް ހުޅުވަން. ދިވެހި ލިބާހާއި ފޭލި، ފައްޓަރުބައި ފަދަ ތަކެތި ފަސޭހައިން ލިބޭނެ ތަނެއް ހުޅުވަން ބޭނުންވޭ،" ވަހީދާގެ ހުވަފެންތައް ކިޔައިދެމުން ވާހަކަ ނިންމައިލި އެވެ.