އިސްލާމިކް މިނިސްޓްރީ

އިމާމުން ނަމާދުކުރާއިރު ޖިންސާއި ޓީޝާޓް ނުލެވޭ ގޮތް ހަދައިފި

އިމާމުން ނަމާދު ކުރާއިރު ޖިންސާއި ޓީޝާޓް ފަދަ ތަކެތި ލައިގެން އިމާމުވެ ނަމާދު ނުކުރެވޭ ގޮތަށް އިމާމުންނާއި މުދިމުންގެ އުސޫލު އިސްލާހުކޮށްފި އެވެ.

ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ އިމާމުން އަމަލުކުރަންޖެހޭ އުސޫލަށް އިސްލާމިކް މިނިސްޓްރީން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ އިމާމުން ރަސްމީ ގަޑީގައި ހެދުން އަޅަންވާނީ އިސްލާމީ މުޖުތަމައު ބަލައިގަންނަ އަދި އިމާމުވެ ނަމާދުކުރުމަށް އެކަށީގެންވާ ފަދަ ގޮތަށް ކަމަށެވެ. އަދި ޖިންސާއި ޓީޝާޓް ފަދަ ގަޔަށް ބާރު ހެދުންލައިގެން ނަމާދު ނުކުރުމަށް އަންގާފައިވެ އެވެ.

ބުރާސްފަތި ދުވަހު އާއްމުކުރި އުސޫލުގައިވާ ގޮތުން އިމާމުންނަކީ ސާފުތާހިރު ވެގެން ތިބޭ ބަޔަކަށް ވުމަށާއި އާއްމުފަރުދުންނާއި މުއާމަލާތުކޮށް ވާހަކަ ދެއްކުމުގައި އިޖުތިމާއީ ހަމަތަކުގެ މަތިން ރީތި ބަހުން ވާހަކަ ދައްކަންޖެހެ އެވެ. އަދި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރާއިރު ބޮލުގައި އެއްޗެއް އެޅުމަށް ފަރުވާތެރިވުމަށްވެސް އުސޫލުގައިވެ އެވެ.

އިމާމުންނަކީ އެހެން މީހުންނަށް ނަމޫނާ ބަޔަކަށް ވުމަށާއި ރަސްމީ ހައިސިއްޔަތުންނާއި އަމިއްލަ ހައިސިއްޔަތުން ދައްކާ ވާހަކައަކުން ނުވަތަ ކަމަކުން ވިޔަސް އިމާމުންގެ ގަދަރާއި ހައިބަތާއި އިތުބާރު ގެއްލޭ ފަދަ ކަންކަމުން ދުރުހެލިވެ ތިބުމަށްވެސް އުސޫލުގައި ބާރުއަޅާފައިވެ އެވެ.

އުސޫލުގައި ވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާއި ހިލާފަށް އިމާމުން އެއްވެސް އަމަލެއް ނުހިންގުމަށްވެސް ބުނެފަ އެވެ. އަދި ދީނީ ގޮތުން ހިލާފު އުފެދޭ ކަންކަމުގައި އަމަލުކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑު ހިފެހެއްޓުމަށްވެސް އިމާމުންނަށް އަންގާފައިވެ އެވެ.

މިއުސޫލާ ހިލާފް ވެއްޖެނަމަ ހިލާފުވި ކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި ސިވިލް ސާވިސް ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ އުސޫލުގައިވެ އެވެ.