ހަބަރު

ހަތަރުވަނަ ކުއާޓަރުގައި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކޮށްފި

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.

ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގައި މީރާ އިން އަމަލުކުރަމުންދާ އުސޫލުގެ ދަށުންނެވެ. މީރާއިން އާންމުކޮށްފައިވަނީ، މާލެ ސަރަހައްދާއި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތެވެ.

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައި ވާނެ ކަމަށް މީރާއިން މައުލޫމާތުދެ އެވެ.

މީރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މި ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ ތިން ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 103 ފަރާތަކާއެކު ޖުމުލަ 106 ފަރާތެއްގެ ނަން ހިމެނެ އެވެ. ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީއެސްޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަދަ ފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނެ ކަމަށް މީރާއިން ބުނެ އެވެ. މީރާގެ އެންފޯސްމަންޓް ޕޮލިސީގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މި ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.