ހަބަރު

މަފާޒު މަރާލި މައްސަލާގައި ދައުވާކުރި މީހުން މިނިވަންވެއްޖެ

ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒު މަރާލި މައްސަލާގައި ދައުވާ އުފުލި ތިން މީހަކު ދޫކޮށްލައިފި އެވެ. ދޫކޮށްލާފައިވަނީ، ހ. ބްލޫބާޑް މުހައްމަދު މިދުހަތު އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ އިތުރުން މާލޭ ދަފްތަރު 1475 އަހްމަދު ރިޒާމެވެ.

އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި (ކ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުނެވެ.

ތިން މީހުން ދޫކޮށްލާފައިވަނީ އިއްޔެ، ކްރިމިނަލް ކޯޓުން އެގޮތަށް އަމަރުކުރުމާ ގުޅިގެންނެވެ. އެ މީހުން ދޫކޮށްލާފައިވާއިރު މި މައްސަލާގައި ހެކި ބަސް ނެގުން އަދި ނުނިމެ އެވެ.

މި މައްސަލާގައި އެ ތިން މީހުންގެ އިތުރުން ޏ. ފުވައްމުލަކު ލާސާނީ ވިޝާހު ރަޝީދު،23 ދައުވާކުރި އެވެ. އޭނާ ވަނީ ދައުވާ އުފުލާފައިވަނިކޮށް މަރުވެފަ އެވެ.

ގްރޫޕަކުން ހިންގި ހަމަނުޖެހުމުގައި މަފާޒަށް ތޫނުއެއްޗަކުން ހަމަލާދީ ވަނީ މަރާލާފައިވީ ނަމަވެސް އޭނާއަށް ތޫނުއެއްޗަކުން ހަމަލާދިން މަންޒަރު ފެނުނު މީހުން ވަނީ ތަހުގީގަށް ބަޔާން ދިނުމަށް އިންކާރުކޮށްފަ އެވެ. އެހެންކަމުން ދައުލަތުން ވަނީ ތިން މީހުންނަށް މަފާޒުގެ މަރުގެ ތުހުމަތު ނުކުރަން ނިންމާފަ އެވެ. އެމީހުންގެ މައްޗަށް ދައުވާ ކުރީ އެރޭ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގަ އެވެ.