ހަބަރު

ބޭސްފަރުވާއަށް މިރޭ ނާޒިމް ސިންގަޕޫރަށް ފުރަނީ

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރުމުގެ ހުއްދަ ކަރެކްޝަނުން ދީފި އެވެ. އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ނާޒިމަށް ހުއްދަ ދީފައިވަނީ މިރޭ ފުރުމަށެވެ.

ނާޒިމްގެ ބޭސްފަރުވާއަށް މިރޭ ފުރަން ހުއްދަ ދީފައިވާއިރު، ބޭސްފަރުވާއަށް ދީފައިވަނީ 21 ދުވަހެވެ. ނާޒިމްގެ މީގެކުރިން ވެސް ލޮލުގެ ފަރުވާއަކަށް 44 ދުވަސް ސިންގަޕޫރުގައި ހޭދަކުރައްވާފައިވެ އެވެ.

ނާޒިމްގެ މައްޗަށް ޖަލު ހުކުމެއް ކުރީ މާޗް 27، 2015 އިގަ އެވެ. އެ ހުކުމާމެދު ހިތްހަމަ ނުޖެހޭތީ ނާޒިމްގެ ފަރާތްޕުޅުން ހައި ކޯޓްގައި އިސްތިއުނާފު ކުރުމުން ޝަރީއަތް އަލުން ބެލުމަށްފަހު ބެންޗުން ނިންމީ ދަށު ކޯޓްގެ ހުކުމް ރަނގަޅު ކަމަށެވެ. ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކުރަން ނާޒިމް ވަނީ ނިންމަވާފަ އެވެ.

ނާޒިމްގެ މައްޗަށް ދައުވާ ކުރީ ޖެނުއަރީ 18، 2015 ގެ ރޭގެ ދަންވަރު ފުލުހުން ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެ، ބަލައި ފާސްކުރުމުގެ ތެރޭގައި ފިސްތޯލަކާއި ތިން ވަޒަނާއި މެގަޒިނެއްގެ އިތުރުން އަައިއީޑީއެއް ފެނިގެނެވެ.

ދަށު ކޯޓުން ނާޒިމަށް ހުކުމް އިއްވި އިރު ބުނެފައި ވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވިފައި ނުވާ ކަމަށެވެ.