ސުޕްރީމް ކޯޓް

ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭތީ ސުޕްރީމް ކޯޓަށް

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމްތަކުގައި ތިއްބަވައިގެން، ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅި ކަނޑައެޅުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމްތަކުގައި ތިއްބަވައިގެން، ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅި ކަނޑައެޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ، ޑެޕިއުޓީ މިނިސްޓަރުކަމުން ދާދި ފަހުން ވަކިކުރި މުހައްމަދު ރާގިބު އަހްމަދެވެ.

ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާ ސިޔާސީ މަގާމްތަކުގައި ތިއްބަވައިގެން ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައެޅީ، ކުޑަކުއްޖަކާއި އެކު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެފައިވާ މީހެއް ދިފާއު ކުރުމުގައި ވަކީލެއްގެ ގޮތުގައި އޭރު ދައުލަތުގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ގާޒީ މުހައްމަދު ރާގިބު އަހްމަދު މަސައްކަތް ކުރެއްވި މައްސަލައެއްގެ ތެރެއިންނެވެ.

މި މައްސަލައަކީ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވި މީހެއްގެ ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލަ އެކެވެ. ހައިކޯޓްގައި ކުރިއަށްދާ މި މައްސަލާގައި ދިފާއީ ވަކީލެއްގެ ގޮތުގައި ހާޒިރުވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ކުރީޣެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހްމަދެވެ. މިފަދަ އެހެން މައްސަލައަކާ ގުޅިގެން ރާގިބު މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ހައިކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. ދައުލަތުގެ ވަކީލުން ބުނީ ދައުލަތުގެ ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރާތީ އެއީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. ޕީޖީގެ ވަކީލް މިކަން ފާހަގަކުރުމުން އެ މައްސަލައިގެ ޝަރީއަތް މެދުކަނޑާލި އެވެ.

ހައިކޯޓުން މި މައްސަލައިގައި ނިންމި ނިންމުމުގައި ބުނެފައިވަނީ މުހައްމަދު ރާގިބް އަހްމަދަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައިވާ ސިޔާސީ މަގާމެއް އޭރު ފުރަމުންދާ ފަރާތަކަށްވާތީ، އެ މަގާމުގައި ހުރެ ރާގިބަށް ދައުލަތާ ދެކޮޅަށް ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކޮށް އިސްތިއުނާފް ކުރާ ފަރާތް ތަމްސީލް ނުކުރެވޭނެ ކަމަށް މި އިޖުރާއީ އިއުތިރާޒު ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.

މީގެކުރިން ޓެކްސްގެ މައްސަލައެއްގައި މީރާއާ ދެކޮޅަށް ޑެޕިއުޓީ މިނިސްޓަރަކު ވަނީ ދައުލަތާ ދެކޮޅަށް ވަކާލާތުކޮށްފަ އެވެ. އެފަހަރު ދައުލަތާ ދެކޮޅަށް ވަކާލާތުކުރީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މުނައްވަރެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކުވެސް ދައުލަތާ ދެކޮޅަށް ވަކާލާތު ކުރި މައްސަލައެއް މި ފަހުން ފެންމަތިވި އެވެ. އެ މައްސަލައިގައި ދައުލަތާ ދެކޮޅަށް ކޯޓަށް ދިޔައީ ޕީއެންސީގެ މަޖިލިސް މެންބަރެކެވެ.

އެ ފަހަރު އެ މައްސަލަ ބަލައި ރައީސް އޮފީހުން ބުނީ ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަ މީހަކު، ސިޔާސީ މީހުންވެސް ހިމެނޭ ގޮތަށް ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.