ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ސަހާ ވަހީދު އައްޔަންކޮށްފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ލީޑަޝިޕް އޮނިގަނޑަށް ބަދަލުތަކެއް ގެނެސް އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް އޮޕަރޭޝަންސް އޮފިސަރު (ސީއޯއޯ)ގެ މަގާމަށް ސަހާ ވަހީދު އައްޔަންކޮށްފި އެވެ.

ސަހާއާ ހަވާލުވި މަސްއޫލިއްޔަތާއެކު ބީއެމްއެލްގެ ބޭންކިން އޮޕަރޭޝަންސް، ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް، ހިއުމަން ރިސޯސަސް، އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮޕަޓީސްގެ އިތުރުން ބޭންކުގެ ޕްރޮކިއުމަންޓްވެސް ބަލަހައްޓަވާނީ ސަހާ އެވެ.

ބޭންކިން ދާއިރާގައި 18 އަހަރަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ހޯއްދަވާފައިވާ ސަހާ ވަނީ ބީއެމްއެލްގައި މުހިއްމު މަގާމުތަކެއްވެސް ފުރުއްވާފަ އެވެ. މީގެ ތެރޭގައި ހެޑް އޮފް ސްޓްރެޓެޖިކް ޕްލޭނިން އެންޑް ޗޭންޖް މެނޭޖްމަންޓްގެ އިތުރުން އެންމެ ފަހުން އަދާކުރެއްވި ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރުގެ މަގާމު ހިމެނެ އެވެ.

ސަހާ ވަނީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސް އެންޑް ޕޮލިޓިކަލް ސައިންސް އިން އިކޮނޮމިކްސް އެންޑް އިކޮނޮމިކް ހިސްޓްރީގެ ދާއިރާއިން ބެޗްލާ އޮފް ސައިންސް ޑިގްރީ ހާސިލުކުރައްވާފަ އެވެ. މީގެ އިތުރުން ކޮމާޝަލް ލޯގެ ދާއިރާއިން މާސްޓާ އޮފް ލޯސް (އެލްއެލްއެމް) ހާސިލްކުރައްވާފައިވެ އެވެ.

ސަހާ ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކާސް އިން ޗާޓަޑް ބޭންކަ ޕްރޮފެޝަނަލް ކޮލިފިކޭޝަން ވެސް ހާސިލުކުރައްވާފަ އެވެ.

ބޭންކުގެ ދިގު މުއްދަތުގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކާ އެއްގޮތަށް ބޭންކުގެ ހިންގުމުގެ އޮނިގަނޑު ބައްޓަންކުރުމަށްޓަކައި، ބޭންކުން މިއަދު ވަނީ އާ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމެއްވެސް އިއުލާނުކޮށްފަ އެވެ. އެގޮތުން ޗީފް ފައިނޭންޝަލް އޮފިސާ ނަންދަނަ ސެނެވިރަތުނެ އަދި ޗީފް ރިސްކް އޮފިސަ ގެރީ ލޯޓަންގެ އިތުރުން ބައެއް މަގާމުތަކަށް ބޭފުޅުން ވަނީ އައްޔަންކޮށްފަ އެވެ.

ބީއެމްއެލްގެ އާ އެގްޒެކްޓިވް މެނޭޖްމަންޓް ޓީމު

  • އަދުލީ އަހްމަދު ދީދީ - ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ): ބޭންކުގެ ޓެކްނޮލޮޖީ ސްޓްރެޓެޖީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ބަލަހައްޓަވާނީ އަދުލީ
  • މޫސާ ނިމާލް - ޗީފް ބިޒްނަސް އޮފިސަރު (ސީބީއޯ): ކޯޕަރޭޓް ކަސްޓަމަރުންނާއި ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ބޭންކިން ހިދުމަތްތައް ބަލަހައްޓަވާނީ ނިމާލް
  • ރަޝްފާ ޖައުފަރު - ޗީފް ކްރެޑިޓް އޮފިސަރު (ސީސީއޯ): ކްރެޑިޓް ރިސްކް މެނޭޖްމަންޓް، ރިކަވަރީސް އަދި ކްރެޑިޓް އެޑްމިނިސްޓްރޭޝަން ބަލަހައްޓަވާނީ ރަޝްފާ
  • އައިޝަތު ޒަމްރާ ޒާހިރު - ޗީފް މާކެޓިން އޮފިސަރު (ސީއެމްއޯ): މާކެޓިން، ކަސްޓަމަ ސާވިސަސް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ބަލަހައްޓަވާނީ ޒަމްރާ
  • ހަސަން ކަލާމް - ޗީފް އިސްލާމިކް ބޭންކިންގ އޮފިސަރު (ސީއައިބީއޯ): ބީއެމްއެލް އިސްލާމިކްގެ ދަށުން ހިދުމަތްދޭ ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ބޭންކިން ހިދުމަތްތައް ބަލަހައްޓަވާނީ ކަލާމް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެ ބޭންކުގެ ލީޑަޝިޕް މަގާމުތަކަށް ދިވެހިން އައްޔަންކުރެވިގެން ދިއުމަކީ ތައުލީމީ ގާބިލު ދިވެހިން ބިނާކުރުމަށް އެ ބޭންކުން ދޭ އަހައްމިއްޔަތުކަން އަންގައިދޭ ކަމެއް ކަމަށެވެ.

"މިއިން ކޮންމެ ބޭފުޅަކީވެސް އެބޭފުޅެއްގެ ދާއިރާގައި ނަމޫނާ ތަޖުރިބާކާރުން. އަދި އެބޭފުޅުން ސާބިތުކޮށްދެއްވާފައިވާ ގާބިލުކަމާއި ރާއްޖޭގެ ބޭންކިން ދާއިރާއާ ބެހޭ ގޮތުން ހޯއްދަވާފައިވާ ފުރިހަމަ މައުލޫމާތާއެކު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރުދުންނާއި، ވިޔަފާރިތަކާއި މުޖުތަމައުތަކަށް އެހީތެރިވުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ތަސައްވުރަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.