ރިޕޯޓް

ގެއްލެމުންދިޔަ އިޖުތިމާއީ ގުޅުންތައް ރަސްފަންނުގެ ތެރެއަށް

މާލޭ ތޮއްޖެހި، ދިރިއުޅުން ބުރަވެގެން ދިޔުމާއެކު ޒަމާނުއްސުރެ ދިވެހިންގެ މެދުގައި، އޮތް އިޖުތިމާއީ ގުޅުންތައް އެއްކޮށް ނެތިގެންހެން ނެތިންގެން ދިޔަ އެވެ. ގޭގެ ކުލި ދެއްކުމަށް ދަރިން ދުވާލެއް ރެއެއް ނުބަލާ މަސައްކަތްކުރަމުންދާއިރު ގޭބަންދުވެފައި މުސްކުޅި މައިންބަފައިންނަށް ތިބެން ޖެހުނީ އެވެ.

ވާނީވެސް އެހެންތާ އެވެ. ދާނެތަނެއް ނެތެވެ. ކިތަންމެ ވަގުތެއް އޮތަސް، ގޭގައި ނޫނީ އިންނާނެ ތަނެއް ނެތެވެ. މާލޭގެ މި ހިތްދަތި ދިރިއުޅުމަށް ބަދަލެއް ގެނެސްދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. ރަސްފަންނާއެކުގަ އެވެ. މަފަންނުގައި ހެދި ރަސްފަންނު ހެދިގޮނޑު ދޮށާއެކު މާލޭގައި ދިރިއުޅޭ ގިނަ ބަޔަކަށް ވަނީ އުފާވެރިކަން ގެނެސްދީފަ އެވެ. އެތަނުން މީހުން ހުސްވާ ތަނެއް ވެސް ނުފެނެ އެވެ. އެތަނުގައި ގޮސް އިށީދެލައިގެން އިނުމަކީ ވެސް ވަކި ކުޑަ ކަމެއް ނޫނެވެ.

ގެއްލިގެން ދިޔަ އިޖުތިމާއީ ގުޅުންތައް އަލުން މިއޮތީ އިޔާދަވެފަ އެވެ. އެ މަންޒަރު ދަނީ ފެންނަމުންނެވެ. ގޭބަންދުގައި ތިބި ދުވަސްވީމީހުންގެ ދުވަސް ހޭދަކޮށްލަނީ އެ ބީޗުގަ އެވެ. ކުޑަ ދަރިންނާއެކު ހިތްހަމަ ޖައްސާލަން ދަނީ އެ ބީޗަށެވެ. މުސްކުޅި މައިބަފައިން ގޮވައިގެން ގޮސް ތިބެނީ ވެސް ހަމަ އެ ބީޗުގަ އެވެ.

ރަސްފަންނުގެ އުފާ ގިނަ ބަޔަކު ލިބިގަންނަމުންދާއިރު، ރަސްފަންނުގައި ނަގާފައިވާ ފޮޓޯތަކަކަށް ގިނަ ބަޔަކު މިވަނީ ތައުރީފުކޮށްފަ އެވެ. އަންވަރު ހުސައިން ނަމަކަށް ކިޔާ މީހަކު ފޭސްބުކަށް ޕޯސްޓްކުރި ޕޮޓޯތަކެކެވެ. ފޮޓޯތަކުން ފެންނަނީ އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. މުސްކުޅި ބައްޕައަކަށް ދަރިއަކު އެހީވަމުންދާ މަންޒަރެވެ. މޫދުގައި ބައްޕައާއެކު މަޖާކޮށް، އުފުއްލާލައިގެން ގެންގޮސް ފެންވަރުވާ މަންޒަރެވެ.

ކުރީގެ ނޫސްވެރިއެއް ކަމަށްވާ އަލީ ސިރާޖު، އޭނާގެ ބައްޕައާއެކު ހޭދަކުރި ވަގުތަކުގެ ފޮޓޯތަކަށް ތައުރީފު ލިބިފައިވާއިރު، އެ ފޮޓޯތަކުން ފެނިގެންދަނީ ދިވެހިންގެ އޮތް އިޖުތިމާއީ ގުޅުމެވެ. އާއިލީ ގުޅުމެވެ. ސިރާޖުގެ ދުވަސްވީ ބައްޕައަކީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން އަމިއްލައަށް ހިނގާބިނގާވެ މީހެކެވެ. އެ އާއިލާގެ އެންމެ ދޮށީ ދަރިއަކީ ސިރާޖު ކަމަށްވުމުން ބައްޕަގެ ޒިންމާ އެންމެ ބޮޑަށް އުފުލަމުންދަނީ އޭނާ އެވެ.

މި ފޮޓޯތަކަށް ގިނަ ބަޔަކު ޝެއާކޮށް، ތައުރީފުކޮށްފައިވާއިރު ފޮޓޯތައް ޓްވީޓްކުރައްވާ ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވީ، މަންމަ އާއި ބައްޕައަށް އިހުސާންތެރިވުމަކީ އަޅުކަމެއް ކަމަށެވެ. އަދި ރަސްފަންނަކީ ނެތިވަމުންދާ އިޖުތިމާއީ ގުޅުން އިޔާދަކޮށްދިން މުހިންމު މަޝްރޫއެއް ކަމަށާއި އެ ބީޗަކީ މުޖުތަމައުއަށް ހަމަޖެހުން ގެނެސްދިން ބީޗެއް ކަމަށެވެ.