ކެންސަރު ބައްޔަށް ފަރުވާ ކުރަމުން ދިޔަ މީހަކަށް ދީފައިވާ އެހީތަކުގެ މައުލޫމާތު ހާމަކުރުމަށްފަހު އެންސްޕާއިން އެކަމަށް މައާފަށް އެދިއްޖެ އެވެ.
ކެންސަރު ބައްޔަށް ފަރުވާ ކުރަމުން ދިޔަ މީހަކު ވަނީ އޭނާ ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާ އަށް ދިއުމަށް މިދިޔަ ސަރުކާރުގައި އެހީތެރިއާއަށް ޓިކެޓްގެ އިތުރުން އެހީގެ ގޮތުގައި 1000 ޑޮލަރު ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަދައްކާފަ އެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ އަދަދު ވަރަށް ބޮޑަށް ކުޑަކޮށްފައިވާ ކަމަށްވެސް އެމީހާ ތުހުމަތުކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން އެންސްޕާ އިން ވަނީ ހަގީގަތް ހާމަކޮށްދިނުމުގެ ގޮތުން އެ މީހާއަށް އެންސްޕާ އިން ދީފައިވާ އެހީތަކުގެ ތަފްސީލް ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. ނަމަވެސް އެ ބަޔާނުގައި އެ މީހާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. އެގޮތުން އެންސްޕާ އިން އިއްޔެ ނެރުނު އެ ބަޔާނުގައި ބުނީ އޭނާއަށް 9 ފަހަރު އެ އިދާރާއިން އެހީތެރިވެފައިވާ ކަމަށެވެ. އެކަމަކު އެއްވެސް އިރަކު އޭނާއަށް 1000 ޑޮލަރު އެހީގެ ގޮތުގައި ދީފައި ނުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނަށްފަހު އެންސްޕާ އިން ރޭގެ ވަގުތެއްގައި ނެރުނު އެހެން ބަޔާނެއްގައި ވަނީ މީހަކަށް އެ އިދާރާ އިން ދީފައިވާ އެހީގެ މައުލޫމާތު ހާމަކުރެވުނީ އެންމެ ރަނގަޅަށް ނޫން ކަމަށް އިއުތިރާފް ވެފަ އެވެ. އަދި އެކަމަށް މާފަށް އެދޭ ކަމަށްވެސް ބުނެފައިވެ އެވެ.
މިދުވަސްވަރަކީ އެންސްޕާއަށް ކޮރަޕްޝަންގެ ތުހުމަތުވެސް ބަޔަކު ކުރާ ދުވަސްވަރެކެވެ. ނަމަވެސް އެންސްޕާ އިން އެ ތުހުމަތު ދޮގުކުރެ އެވެ.