ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުން އެ ކުންފުންޏައް ލިބެންޖެހޭ 1.3 ބިލިއަން ރުފިޔާގެ ތެރެއިން 226 މިލިއަން ރުފިޔާ މިހާތަނަށް ހޯދާފައިވާ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ އޭނާ އެ ކުންފުންޏާ ހަވާލުވިއިރު ކުންފުންޏަށް ލިބެންޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހުރުމުން އެ ފައިސާ އަނބުރާ ހޯދުމަށާއި ކުންފުނީގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އެ ރިކަވަރީ ކޮމިޓީގެ މަސައްކަތުން މިއަދު 226 މިލިއަން އަޅުގަނޑުމެން ރިކަވާ ކޮށްފިން،" ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްޑީސީއަށް ފައިސާ ނުދައްކާ ހުރި ކުންފުނިތަކަށް ސިޓީއެއް ފޮނުވައިގެން ފައިސާ ދެއްކުމަށް އަންގަމުންދާ ކަމަށެވެ. އަދި ފައިސާ ނުދައްކައިފިނަމަ ކޯޓަށް ގޮސްގެން ނަމަވެސް އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ. އެއްވެސް ފަރާތަކަށް ފައިސާ ދައްކަން އުދަނގޫތަކެއް ހުރި ނަމަ އެޗްޑީސީއާ ވާހަކަދެއްކުމުން އެކަމުގައި ދެވެން އޮތް ލުއިތަކެއް ދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ހަގީގަތުގައި މި ފުރުސަތު މިދެނީވެސް ކޯޓު މަރުހަލާއަށް ނުގޮސް އެކަން ފަސޭހައިން ކުރެވޭނެ ގޮތެއް ހޯދުމަށް،" ފަޒުލް ވިދާޅުވި އެވެ.
އެޗްޑީސީއަށް ނުލިބިވާ ފައިސާ ހޯދުމަށް އެ ކުންފުނިން އެކަށީގެންވާ މަސައްކަތް ކުރަމުން ނުދާ ކަމަށް ވިދާޅުވެ މާލިއްޔަތު ކޮމިޓީގައި ބައެއް މެންބަރުން ނުރުހުން ފާޅުކުރައްވާފައިވެ އެވެ. ނަމަވެސް އެޗްޑީސީ އިން ބުނީ އެ ކުންފުންޏަކީ ވިޔަފާރީ އުސޫލުން ހިންގާ ކުންފުންޏަކަށްވާތީ ލިބެންޖެހޭ ފައިސާ ހޯދުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.