ދުނިޔެ

ޔުކްރޭނަށް އެހީ ކަނޑާލަން ޖެހިދާނެ: ޓްރަމްޕް

އެމެރިކާގެ އިންތިޚާބީ ރައީސް، ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާއިން ޔުކްރޭނަށް އެހީތެރިވާހާ ހިނދަކު، ޔުކްރޭން ހަނގުރާމައަށް ނިމުމެއް ނާންނާނެ އެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެން -- ޖޯ ބައިޑަން ސަރުކާރުން ޔުކްރޭނަށް މިހާރު އެހީދޭ ގޮތަށް، އެހީ ނުދެއްވާނެ ކަމަށެވެ.

ހަނގުރާމަކުރަން، ހަނގުރާމަ ފުޅާކުރަން ދޭނެ އެހީއެއް އެމެރިކާ އަތުގައި ނެތް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އިންސާނީ އެހީތެރިކަމުގެ ގޮތުން ނުވަތަ ގައުމުގެ އިގުތިސާދު ރަނގަޅުކުރުމަށް އެހީތެރިވުމާ މެދު ވިސްނާވަޑައިގަންނަވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ ޔުކްރޭން ހަނގުރާމަ އަކީ ބޯގޯސް ބަޔަކު ކުރުވާ ހަނގުރާމައެއް ކަމަށެވެ. އޭނާގެ ވެރިކަމުގައި، ޔުކްރޭން ހަނގުރާމަ ހުއްޓުވާނެ ކަމަށް -- ކެމްޕޭން ދުވަސްވަރު ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ އެންބީސީއަށް ޓްރަމްޕް ދެއްްވި އިންޓަވިއުއެއްގައި -- އެމެރިކާއިން އެހީ މަދުކުރާނެ ކަމަށް ޔުކްރޭން މިހާރުވެސް ތައްޔާރުވާން ޖެހޭތޯ ނޫސްވެރިޔާ ކުރި ސުވާލަށް ޓްރަމްޕް ވިދާޅުވީ -- ޖެހޭނެ ކަމަށެވެ.

ޔުކްރޭން ހަނގުރާމަ އަކީ ކޮށްގެން ވާނެ ހަނގުރާމައެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެއީ ހަމަ މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ހަނގުރާމައެއް ކަމަށްވެސް ވިދާޅުވި އެވެ.

ޓްރަމްޕް އަދި ވިދާޅުވީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަކީ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ. އަދި ޕޫޓިން ކުރައްވާފައި ނުކުރައްވާނެ ކަންކަން އެނގިވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޒެލެންސްކީ އަދީ ޕޫޓިން ވެސް ހުންނެވީ ހަނގުރާމަ ހުއްޓާލާ ގޮތަށް" ޓްރަމްޕް ވިދާޅުވި އެވެ.

މަޝްވަރާ މޭޒުދޮށުން ގޮތެއް ނިންމުމަކީ ދެ ގައުމަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.