ސުޕްރީމް ކޯޓް

ހުމާމް މަރަން ކުރި ހުކުމުގެ ޝަރީއަތް މާދަމާ ސުޕްރީމް ކޯޓްގައި ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި ކަމުގެ ކުށުގައި ކްރިމިނަލް ކޯޓުން މެރުމަށް ހުކުމްކޮށް ހައިކޯޓުން އެ ހުކުމަށް ތާއިދުކުރި ހުސައިން ހުމާމްގެ މަރުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ހުށަހެޅުމުގެ ފުރަތަަމަ އަޑުއެހެން މާދަމާއަށް ތާވަލުކޮށްފި އެވެ. ހުމާމުގެ މަރުގެ ހުކުމް ސުޕްްރީމް ކޯޓުގައި އިލްތިމާސްކުރީ، ޕީޖީއިންނެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެ ހުމާމަށް މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުގެ މި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއިދުކޮށް ހުމާމް މަރަން ހުކުމް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.

މީގެ ދެ ހަފުތާ ކުރިން ހުމާމު ވަނީ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ދެ ފަރާތުގެ ވެސް ލިޔުންތައް ބަދަލުކޮށްފަ އެވެ.

ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ، ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތުގައި ހުމާމްގެ ފަރާތުން އެ މައްސަލަ ހުށަހަޅާފައިނުވާތީ އެވެ. ޕީޖީއިން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ހުމާމުގެ މަރުގެ ހުކުމް ކަށަވަރުކުރުމަށެވެ.

މަޝްހޫރު ދީނީ އިުމްވެރިޔާ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އަފްރާޝީމް ދިރިއުޅުއްވާ ގޭގެ ސިޑީގެ ކައިރިންނެވެ.