ދުނިޔެ

ރަނގަޅު ގޮތަކީ ޗާންސެލަރު އިސްތިއުފާ ދެއްވުން: އީލޮން މަސްކް

ޖަރުމަނުގައި ކްރިސްޓިއަނުންގެ މެދުގައި މަޝްހޫރު މަގުދަބޯގު މާރުކޭޓަކަށް މީހަކު ކާރެއްގައި ވަދެގަތުމުގެ ސަބަބުން ހަތަރު މީހަކު މަރުވެ، 200 އަށް ވުރެ ގިނަ މީހުންނަށް ވަނީ ކުދިބޮޑު އެތައް އަނިޔާއެއް ލިބިފަ އެވެ.

މި ހާދިސާއާ ގުޅުވައި އެ ގައުމުގެ ވެރިންނަށް ނުރުހުން ފާޅުކުރައްވައި އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް އެކްސްގައި ޗާންސެލަރުގެ އިސްތިއުފާއަށް ވަނީ ގޮވާލައްވާފަ އެވެ.

މަސްކް ވިދާޅުވި ގޮތުން ޖަރުމަނުގެ ޗާންސެލަރުގެ މަގާމުގައި މިހާރު ހުންނެވި އޯލަފް ޝޯލްޒް އަކީ އެ ވަރުގެ ގައުމެއްގެ ވެރިޔަކަށް ހުންނަވާ ވަރުގެ މީހެއް ނޫނެވެ.

ސަރުކާރުން ރައްޔިތުންގެ ސަލާމަތަށް ފިޔަވަޅު ނޭޅޭނަމަ އެދެވިގެންވަނީ ޗާންސެލަރު އިސްތިއުފާ ދެއްވުން ކަމަށް މަސްކް ވިދާޅުވި އެވެ.

އީލޮން މަސްކް އަކީ އެމެރިކާގައި ކުރިއަށް އޮތް ޑޮނަލްޑް ޓްރަމްޕް ސަރުކާރުގައި ނުފޫޒު ގަދަ ލީޑަރަކަށް ވާނެ އެވެ.

މަސްކަށް އޮތް މަސްއޫލިއްޔަތަކީ ޓްރަމްޕްގެ ސަރުކާރުން ކުށް ހޯދުމެވެ. އަދި ހަވާލުކުރެވޭ ވާޖިބުތައް އަދާނުކުރެވޭ ވަޒީރުންނާއި ސަރުކާރު ހިއްސާވާ މުއްސަސާތަކުގެ ވެރިން މަގާމުން ދުުރުކުރުމަކީވެސް މަސްކަށް އޮތް ވާޖިބެކެވެ.

ޖަރުމަނުގެ މަގުދަބޯގުގައި ކްރިސްޓިއަނުން އީދަށް ތައްޔާރުވުމަށް ހުޅުވާފައި އޮތް ހަލަބޮލި މާރުކޭޓަކަށް ބާރު ދުވެލީގައި ދުއްވާފައި ގޮސް ކާރަކަށް ވަދެވޭނީ އެ ވަރުގެ ތަނެއްގެ ރައްކާތެރިކަމަށް އެއްވެސް ވަރަކަށް ވިސްނާފައި ނެތުމުން ކަމަށް މަސްކް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖަރުމަނުގެ ފުލުހުން މިހާރު ވަނީ ކާރު ޑްރައިވަރު ހައްޔަރުކޮށްފަ އެވެ.

އޭނާ އަކީ 2006 ވަނަ އަހަރުން ފެށިގެން ޖަރުމުގައި ދިރިއުޅޭ އަދި ޖަރުމަނުގެ ރަށްވެހިކަން އޮންނަ މީހެއް ކަމަށް ހަބަރުތައް ބުނެ އެވެ.

އޭނާއާ ބެހޭ ގޮތުން ހޯދިހޯދުންތަކުން އޭނާ އަކީ އިސްލާމުން ދެކެ ވަރަށް ރުޅިއަންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. ޖަރުމަނުގައި އިސްލާމުން އިތުރުވުމަކީ އޭނާ އަދި ވަކިން ރުޅިގަދަވާ ސަބަބެކެވެ.

އޭނާއާ ހަވާލާދީ ފުލުހުން ބުނި ގޮތުން ޖަރުމަނުގެ ވެރިން ދެކެ އޭނާ ރުޅިއަންނަނީ ޔޫރަޕް އިސްމާލްކުރަން މަސައްކަތްކުރާތީ އެވެ.