އަމިއްލަ މީހުންގެ ގޭގޭގައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް ހިންގުން މަނާކޮށްފި އެވެ.
މިފަޔަވަޅު އަޅާފައި މިވަނީ އަމިއްލަ މީހެއްގެ ގޭގައި ހަދާފައި ހުރި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި މުދާތަކެއް ގެއްލިފައިވާ ކަމަށް ބުނާ ވަގުތެއްގައެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވީ އަމިއްލަ މީހުންގެ ގޭގައި ބޮންޑެޑް ވެއާހައުސް ހިންގުމަކީ ސަލާމަތީ ގޮތުން ބެލި ނަމަވެސް އަދި ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށެވެ. އެހެންވެ ބޮންޑެޑް ވެއާހައުސް ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުލް ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި އެކަނި ކަމަށް ކަނޑައަޅައި އެ ސިޔާސަތު ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިހާރު ދަނީ ކަސްޓަމްސްއަށް އެންގުމެއް ނެތި ބޮންޑޮޑް ވެއާ ހައުސް ހުރި ތަން ދޫކޮށްލައި އެ ތަނުގައި ވެރިފަރާތުން އެހެން މަސައްކަތެއް ފެށި މައްސަލަ ތަހުގީގު ކުރަމުންނެވެ.
އިހްސާން ވިދާޅުވި ގޮތުގައި މައްސަލަ ޖެހިގެން އުޅޭ ވެއާހައުސްގައި ހުރި ކަމަށް ކަސްޓަމްސްގެ ރެކޯޑްތަކުން ދައްކާ މުދަލަށް ޑިއުޓީ ދެއްކުމަށް ވެރިފަރާތަށް މިހާރު ވަނީ އަންގާފަ އެވެ.
"އަދި މިކަން ހިންގި ގޮތް ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަސްޓަމްސް އާއި ފުލުހުން ދަނީ ތަހުގީގު ކުރަމުން،" އިހްސާން ވިދާޅުވި އެވެ.