އަޒަރުބައިޖާން އެއާލައިންސްގެ މަތިންދާބޯޓެއް ކަޒަކިސްތާނުގެ ސިޓީއެއް ކަމަށްވާ އަކްތައުއަށް ވެއްޓުނު ހާދިސާއާ ގުޅިގެން އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިޔޭފްއަށް ފޯނުން ގުޅުއްވައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން މައާފަށް އެދިވަޑައިގެންފި އެވެ.
މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިއާ ވިދާޅުވެ ޒަހަމްތަކާ އެކު ހޮސްޕިޓަލުގައި ތިބި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.
މި މަތިންދާބޯޓު ވެއްޓުނީ އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ފުރައިގެން ޗެޗްނިއާގެ ގްރޮޒްނީއަށް ދަތުރުކުރަނިކޮށެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި 67 މީހުންގެ ތެރެއިން 38 މީހަކު ވަނީ މަރުވެފަ އެވެ.
ޕޫޓިން ވިދާޅުވި ގޮތުން މި ހާދިސާ ހިނގީ ރަޝިއާގެ ވައިގެ ސަރަހައްދުގަ އެވެ. އެއީ އޭނާ ވިދާޅުވި ގޮތުން ރަޝިއާގެ ދިފާއީ ނިޒާމްތަކުން ޔުކްރޭންގެ ޑްރޯންތަކަށް ހަމަލާދިން ވަގުތެކެވެ.
ނަމަވެސް، ޕޫޓިން ވިދާޅުވީ ރަޝިއާގެ ވައިގެ ސަރަހައްދުން ދަތުރުކުރި މަދަނީ މަތިންދާބޯޓެއް ވެއްޓެން މެދުވެރިވުމުގައި ރަޝިއާގެ ދައުރެއް އޮތްތޯ ބައްލަވާނެ ކަމަށެވެ. އަދި އެކަމުގައި ރަޝިއާގެ އިހުމާލެއް އޮތް ނަމަ، ޖިނާއީ ތަހުގީގެއް ހިންގަވާނެ ކަމަށެވެ.
މަތިންދާބޯޓު ވެއްޓުމުގެ ކުރިން ޗެޗްނިއާގެ ގްރޮޒްނީއަށް ޖެއްސުމަށް ވަރަށް ގިނަ މަސައްކަތްކުރިކަން ރަޝިއާއަށް އެނގިފައިވާ ކަމަށްވެސް ޕޫޓިން ވިދާލުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަޒަރުބައިޖާންގެ މަތިންދާބޯޓު ވެއްޓުނީ މިސައިލެއް އެރުމުގެ ސަބަބުންނެވެ. އެއީ ރަޝިއާގެ ދިފާއީ ނިިޒާމުން ފޮނުވި މިސައިލެއް ކަމަށް އިތުބާރު ހުރި މަސްދަރުތަކުން މިހާރު ވަނީ ބުނެފަ އެވެ.
ޕޫޓިންގެ ވާހަކަތަކުން ވެސް މި މާނަ ދޭހަވެ އެވެ. ޔުކްރޭނުން ރަޝިއާއާށް ހަަލަލާދޭން ފޮނުވި ޑްރޯންތަކެއް ވައްޓާލަން ދިން ހަމަލާތަކުން ހަމަލާއެއް އަޒަރުބައިޖާންގެ މަތިންދާބޯޓަށް އެރީ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ދެން އޮތް އަނެއް ގޮތަކީ ޔުކްރޭންގެ ޑްރޯނަކުން ދިން ހަމަލާއެއްގައި ބޯޓު ވެއްޓުމެވެ.
ޕޫޓިން ވިދާޅުވީ މަދަނީ ވައިގެ ސަރަހައްދުގައި ރައްކާތެރިކަން ފޫވެއްޓެން މެދުވެރިވި ސަބަބު ވަރަށް ރަނގަޅަށް ބައްލަވާނެ ކަމަށެވެ. މިކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށްވެސް ރަޝިއާގެ ރައީސް ޕޫޓިން ވިދާޅުވި އެވެ.