ރިޕޯޓް

ހޫނު ގަދަވެފައި ވަނީ އެލްނީނޯގެ ސަބަބުން!

  • ކަންބޮޑުވާ ދަރަޖައަށް ހޫނު ގަދައެއް ނުވާނެ
  • އަވިލޯޝަނާއި އަވިއައިނު ބޭނުން ކުރުން ރަނގަޅު
  • އޭޕްރީގައި ހޫނުމިން އުފުލިދާނެ

ފާއިތުވެދިޔަ އަހަރުތަކު ތެރޭގައި ދުނިޔޭގެ ފިނި ހޫނުމިނަށް ގިނަ ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އެއްކޮޅުން ކަނބޮޑުވާ މިންވަރަކަށް ހޫނުގަދަ ވަމުންދާއިރު އަނެއް ބަޔަކު އުޅެނީ ވާރޭވެހި ފެންބޮޑުވާ ވަރުންނެވެ. މިފަދަ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމަކަށް ރާއްޖެ ވާނެ އެވެ. އެއީ މާސިން ކަނޑުމަތީގައި ރާއްޖޭގެ ރަށްތައް އަތުރާލައ ބަހާލައިފައި އޮންނާތީ އެވެ. ރާއްޖެއިން މިހާރުވެސް އަންނަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ހަނގުރާމަ ކުރަމުން ނެވެ.

މިދިޔަ ފެބްރުއަރީ މަހުގައި ސިއްސައިގެންދާ ވަރަށް ދުނިޔޭގެ ބައެއް ގައުމުތަކުގެ ފިނި ހޫނުމިން މައްޗައް ގޮސްފައިވާ އިރު މިދުވަސްވަރު ރާއްޖޭގައި އެންމެ ބާރަށް އިވެމުން އަންނަ އެއް އަޑަކީ އާދަޔާ ހިލާފަށް ހޫނުގަދަވެފައިވާ ވާހަކަ އާއި ހޫނުވާނެ ކަމުގެ ވާހަކަތަކެވެ.

ކޮންމެ އަހަރަކުވެސް ޖަނުއަރީއިން ފެށިގެން މޭމަހާއި ހަމަޔަށް އިރުވައި މޫސުމުގެ ހޫނުކަން ރާއްޖެއަށް އިހުސާސްވާ ދުވަސްކޮޅެކެވެ. އިރުގެ ދޯދިތައް ރާއްޖޭގެ މައްޗަށް އެޅޭ މިންވަރު މިހާރުވެސް ވަނީ އިތުރުވެފަ އެވެ. އަދި ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާއެކު ވޭތުވެދިޔަ ދެތިން އަހަރެއްގައި ހޫނުވާ މިންވަރު ވަނީ މައްޗައް ގޮއްފަ އެވެ. މޫސުމާބެހޭ އިދާރާއިން ގަބޫލު ކުރާ ގޮތުގައި އޭގެ މައިގަނޑު އެއް ސަބަބަކީ ކަނޑުގެ ފިނި ހޫނުމިން މަތިވެ، "އެލް ނީނޯ" ގެ އަސަރު ކުރުމެވެ.

އެލް ނިނޯއަކީ ތިން އަހަރާއި ހަ އަހަރާއި ދޭތެރޭގައި ކަނޑުގެ ހޫނުމިނަށް އަންނަ ބަދަލެކެވެ.

"އާންމު ގޮތެއްގައި އެލްނީނޯގެ އަސަރު ފުރަތަމަ ފެންނަން ފަށަނީ އިކުއިޑޯގެ ހިސާބުގަނޑުގެ ކަނޑުގެ ހޫނުމިން މަތިވެ ދުނިޔޭގެ ހުޅަނގަށް ދާން ފެށުމުން. ބޮޑަށް އޭގެ އަސަރު މިފަހަރު ކުރަނީ ޕެސިިކް ކަނޑުގައި. އެހެން އަހަރާއި ހިލާފަށް އެސަރަހައްދުގައި ވައި މަޑުވެ ކަނޑުގެ ލޮނުގަނޑު ހޫނުވޭ. މީގެ ސަބަބުން ދުނިޔޭގެ މުޅި މޫސުމުގެ ނިޒާމަށް ބަދަލު ތަކެއް އާދޭ. އެލް ނީނޯގެ ސަބަބުން އާމުކޮށް ގިނައިން ވާރޭ ވެހޭ ތަންތަނަށް ވާރޭ މަދުވެ، ހަނަފަސް ތަންތަނަށް ގިނައިން ވާރޭ ވެހެނީ،" ނޭޝަންލް މީޓިއޮރޮލޮޖިލޮޖިކަލް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް އަލީ ޝަރީފް ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖެއަށް ހޫނު ނުވާ ވަރަށް މިދުވަސް ކޮޅު ހޫނުވަމުންދާ އިރު އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ބުނެފައި ވާ ގޮތުގައި ދުނިޔެ މިހާރު ތަޖްރިބާކުރަމުންދާ އެލް ނީނޯ އަކީ 1998 ވަނަ އަހަރު ދުނިޔެ އަށް ކުރިމަތިވި ވަރުގެ ބާރުގަދަ އެލް ނީނޯއެކެވެ. އޭގެ ސަބަބުން ވަރަށް ގިނަ ހިސާބުތަކުގައި ފެންބޮޑުވެ އަނެއް އަނެއްބައި ހިސާބުތަކަށް ވަނީ ހޫނުގަދަވާނެ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި 1998 އެލް ނީނޯގެ އަސަރު ދުނިޔެއަށް ކުރިއިރު، އެ އަހަރު ރާއްޖޭގެ ހޫނު މިން ރިކޯޑު އަދަދަކަށް މައްޗައް ދިޔަ އެވެ. އެއީ 36 ޑިގްރީ ސެލްސިޔަސް އަށެވެ.

މެޓް އޮފީހުގެ ހިސާބުތަކަށް ބަލާއިރު އާދައިގެ މަތިން ރާއްޖޭގެ ހޫނު މިން އުޅޭނީ 27 ނުވަތަ 28 ޑިގްރީ ސެލްސިޔަސްގަ އެވެ. އަދި އެންމެ ހޫނުގަދަ ވެގެންދާއިރު ވެސް އަރާނީ 30 ހަށެވެ. ނަމަވެސް މިދުވަސްވަރު އާންމު ހޫނުމިން ވެސް އުޅެނީ 33.1 ގައެވެ. އެހެން ކަމުން އެލްނީނޯގެ އަސަރާއެކު އަންނަ އޭޕްރިލް މަހުގައި މިހާތަނަށް އޮތް ހޫނު މިނުގެ ރިކޯޑާއި ކައިރި މިންވަރަކަށް ނުވަތަ އެއަށްވުރެ މައްޗައް ހޫނު ވުން އެކަށީގެންވެ އެވެ.

ކުރިޔަށް އޮތް ދުވަސް ތަކުގައި ރާއްޖޭގެ ފިނިހޫނު މިން 40 ޑިގްރީއަށް މައްޗައް ހިއްލި އޭގެ ސަބަބުން "ހީޓް ސްޓްރޯކް" ޖެހި މީހާގެ ހަށިގަނޑަށް ނުރައްކާވާ ވަރަށް ހޫނުވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާ ތަކުގައި މެސެޖްތައް ވެސް ދައުރުވެ އެވެ. ނަމަވެސް 40 ޑިގްރީއަށް މައްޗަށް ދާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖަކީ ހަގީގަތެއް ހުރި ވާހަކަތަކެއް ނޫނެވެ.

"ކަނބޮޑުވާ ދަރަޖައަކަށް ރާއްޖޭގެ ހޫނުމިން މައްޗަކަށް ނުދާނެ. ނަމަވެސް މިހާރު މިވާ ހޫނުގައި ވެސް ރައްކާތެރިކޮށް އުޅެން ޖެހޭ. ހޫނުން ރައްކާތެރިވުމަށް އަވީގައި ބޭރަށް ނިކުންނަ އިރު ސަމާލުވެ ހަނގަނޑަށް އަސަރު ނުކުރާ ކަހަލަ ލޯޝަންއާއި އަވިއައިނުގެ އިތުރުން ކުޑަ ވެސް ބޭނުން ކުރަން ރަނގަޅު ވާނެ،" ޝަރީފް ވިދާޅުވި އެވެ.