އޮފްބީޓް

އިޓަލީގެ އަވަށަކަށް 28 އަހަރު ފަހުން އަލަށް ކުއްޖަކު އުފަންވެއްޖެ

އިޓަލީގެ އުތުރުގައި އޮންނަ އޮސްތާނާ ނަމަކަށް ކިޔާ ކުޑަ އަވަށެއްގައި 28 އަހަރު ފަހުން ކުއްޖަކު އުފަންވެއްޖެ އެވެ. ޕަބްލޯ ނަމކަށް ކިޔާ މި ކުއްޖާ ވިހާފައިވަނީ އިޓަލީގެ މައި މެޑިކަލް ސެންޓަރު ކަމަށްވާ ޓިއުރިން ހޮސްޕިޓަލްގަ އެވެ.

ޕަބްލޯ އޮސްތާނާ އަށް އައުމާ އެކު އެ އަވަށުގެ މޭޔަރު ގިއާކޯމީ ލޮމްބާޑޯ ވަނީ މިއީ "ހުވަފެނެއްގައި ހަގީގީ ކުލަ ޖެހުން" ކަމަށް ވިދާޅުވެފަ އެވެ. އޮސްތާނާއަށް އެންމެ ފަހުން ތުއްތު ކުއްޖަކު ގެނެސްފައިވަނީ 1980 އިގެ އަހަރުތަކުގެ ތެރޭގަ އެވެ.

އޮސްތާނާ އަކީ ފާއިތުދިޔަ 100 އަހަރުގެ ތެރޭގައި އާބާދީ އެތައް ގުނައަކަށް ދަށަށް ގޮސްފައިވާ އަވަށެކެވެ. އެ އަވަށުގެ އަބާދީގައި 85 އެއްހާ މީހުން އުޅޭއިރު އެ އަވަށުގައި ދާއިމީކޮށް ދިރިއުޅެނީ އޭގޭ ދެބައިކޮށްފަ އެއްބައި މީހުންނެވެ.

މޭޔަރު ވިދާޅުވީ 1900 ގެ އަހަރުތަކުގައި އެއަވަށުގެ އާބާދީގައި ހާހަކަށްވިރެ ގިނަ މީހުން އުޅުނު ކަމަށާއި ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައަށްފަހު އާބާދީ ދަށްވަމުން އައިސްފައިވާ ކަމަށެވެ. އަދި 1975 އަކުން 1987 އާއި ހަމައަަށް އެއަވަށުގައި އުފަންވެފައިވަނީ 17 ކުދިން ކަމަށާއި ޕަބްލޯ އަކީ އޭގެ ފަހުން އެއަވަށަށް އުފަންވި ފުރަތަމަ ކުއްޖާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ޕަބްލޯ އުފަންވެފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ޕަބްލޯ އޮސްތާނާއަށް ގެންދިއުމާއެކު އެ އަވަށުގައި ވަނީ ކުލަގަދަ ޕާޓީއެއް ބާއްވާ އުފާ ފާޅުކޮށްފަ އެވެ.

އޮސްތާނާގެ އާބާދީ އިތުރު ކުރުމުގެ ގޮތުން މިހާރު އެއަވަށުގައި ވަޒީފާތައް އުފައްދާ ތަރައްގީ ކުރަމުން އަންނަ ކަމަށާއި ޕަބްލޯ އަކީ ވެސް އެއަވަށުން ހިޖުރަ ކުރަން އުޅުނު ދެމަފިރިއަކަށް އޮސްތާނާގެ ސަރުކާރުން ދިން ވަޒީފާގެ ފުރުސަތެއްގައި ދިރިއުޅެމުން އަންނަ ދެމަފިރިއަކަށް ލިބުނު ދަރިއެއް ކަމަށް މޭޔަރާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.

އިޓަލީގައި އޮސްތާނާ ފަދަ ކުދި އަވަށްތައް ދުވަހެއް ދުވަހަކަށް ދަނީ އާބާދީ ދަށްވެ ފަޅުވަމުންނެވެ. ވަޒީފާތައް ނެތުމުގެ ސަބަބުން ޒުވާނުން ދަނީ ބޮޑެތި ސިޓީތަކަށް ހިޖުރަކުރަމުންނެވެ.