ރައްޔިތުންގެ މަޖިލިސް

ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު ފާސްކޮށްފި

Mar 21, 2016

ޓްރާންސްޕޯޓް އޮތޯރިޓީ އަށް ގިނަ ޒިންމާތަކެއް ހަވާލުކޮށް ގާނޫނީ އިމުގެ ތެރެއިން އެ އޮތޯރިޓީގެ މަސައްކަތް ކުރެވޭނެ ގޮތަށް އެކުލަވާލައި "ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު" ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ބިލް ފާސް ކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ވޯޓް ނުދެއްވާ މެންބަރަކު ނެތެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލް މިއަދު ފާސްކޮށްފައި ވަނީ އިގްތިސޯދީ ކޮމެޓީން ވެސް ފާސްކުރި ގޮތަށެވެ. އެ ބިލު ދިރާސާ ކުރަން އިގްތިސާދީ ކޮމެޓީ އަށް ފޮނުވީ މިދިޔަ ނޮވެމްބަރު މަހު އެވެ.

މި ބިލްގެ ރިޕޯޓް މިއަދު މަޖިލީހަށް އިއްވި އިރު އިގްތިސޯދީ ކޮމެޓީގެ މުގައްރިރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ބިލާބެހޭ ގޮތުން ކަންކަން ސާފު ކުރުމަށާއި ކޮމެންޓް ކުރަން ޓްރާންސްޕޯޓު އޮތޯރިޓީގެ ވެރިން ވެސް ކޮމެޓީއަށް ހާޒިރު ކުރި ކަމަށާއި އަދި ބައެއް ޕްރޮފެޝަނަލް އޮޕީނިއަން ވެސް ހޯދި ކަމަށެވެ.

މި ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.

މި ބިލު ސަރުކާރުން ހުށަހެޅީ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ އެންމެހާ ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ބެލެހެއްޓުމާއި އެއްގަމާއި ކަނޑު ދަތުރުފަތުރާގުޅޭ ކަންކަން ތަންޒީމު ކުރުމަށް ގާނޫނަކުން އުފައްދާ އިދާރާއަކުން ކަމާ ގުޅޭ އެންމެހާ ކަންކަން ހިންގައި ބަލަހައްޓާށެވެ.

ބިލުގައި ބުނަނީ މިނިސްޓަރުގެ ލަފާގެ މަތީން ޓްރާންސްޕޯޓް އޮތޯރިޓީގެ ސިޔާސަތުތައް ކަނޑައެޅުމަށާއި އޮތޯރިޓީ ހިންގުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުމަށް ޓަކައި ބޯޑެއް އެކުލަވައިލަން ވާނެ ކަމަށާއި އެބޯޑަށް ކިިޔާނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑު ކަމަށެވެ. ބޯޑުގައި ތިބޭނީ ފަސް މެމްބަރުން ކަމަށެވެ.

ބޯޑު މެމްބަރުންގެ ގޮތުގައި އައްޔަންކުރަނީ މެރިޓައިމް ނުވަތަ ކަނޑު ދަތުރުފަތުރު ކުރުމުގެ ދާއިރާއިންނާއި އެއްގަމު ދަތުރު ފަތުރުގެ ދާއިރާއިންނާއި އިގްތިސާދީ ދާއިރާއިންނާއި ތިމާވެއްޓާބެހޭ ދާއިރާއިންނާއި މަސްވެރިކަމާއި ހިންގުމުގެ ދާއިރާ އިންނެވެ.