ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދާ ދެކޮޅަށް، ދައުލަތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޑޮކިއުމެންޓްތަކާ ހަވާލުވާން ޖިހާދު ދެކޮޅު ހެއްދެވުމުން، އެ ޑޮކިއުމެންޓްތައް ހަވާލުކުރަން ޖެހުނީ ފުލުހުން މެދުވެރިކޮށް، ޖިހާދު ކޯޓަށް ހާޒިރުކޮށްގެންކަން އެނގިއްޖެ އެވެ.
ޖިހާދުއާ ޑޮކިއުމެންޓްތައް ހަވާލުކުރަން ޖެހުނީ ފުލުހުން މެދުވެރިކޮށްކަން އެނގުނީ ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ ޖިހާދުގެ ޝަރީއަތުގެ ތެރެއިންނެވެ.
ޝަރީއަތުން އެނގުނު ގޮތުގައި ޖިހާދުއާ ޑޮކިއުމެންޓްތައް ހަވާލުކުރަން ކޯޓުން އެ ޑޮކިއުމެންޓްތައް ގެއަށް ފޮނުވުމުން ގޭން އެ ޑޮކިއުމެންޓްތަކާ ހަވާލުވާން ދެކޮޅު ހެދީ އެވެ. އަދި ގޭގައި އުޅުނު މަސައްކަތު މީހަކު، ޖިހާދު ގޭގައި އުޅުއްވާކަމަށް މައުލޫމާތު ދިނުމަށްފަހު އޭގެއިރުކޮޅެއް ފަހުން ޖިހާދު ގޭގައި ނޫޅުއްވާ ކަމަށް އޭނާ ބުނި ކަމަށްވެ އެވެ.
ހައިކޯޓުގެ ޝަރީއަތުން އެނގުނު ގޮތުގައި ޖިހާދު ޑޮކިއުމެންޓްތަކާ ހަވާލުނުވުމުން އެންމެ ފަހުން ފުލުހުންނަށް އަމުރުކޮށްގެން ޖިހާދު ހައިކޯޓަށް ހާޒިރުކުރީ އެވެ.

ޖިހާދު ދިރިއުޅުއްވާ ތަނެއް ނޭނގިގެން ޗިޓް ރައްދު ނުކުރެވިގެން ކުރިއަށް ނުގޮސް އޮތް، މި މައްސަލައިގެ އަސްލު މައްސަލައަކީ، ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައި އޮތް ފުށިދިއްގަރުފަޅާ ގުޅޭ ޖިނާއީ ދައުވާއަކާ ގުޅޭ މައްސަލަ އެކެވެ. އެއީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ އެވެ.
ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖެނުއަރީ 18، 2013 ގައެވެ. ޖޮއިންޓް ވެންޗާ ކުންފުނީގައި ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 ޕަސެންޓް ކަމަށް އެއްބަސްވުމުގައިވެ އެވެ.
ފުށިދިއްގަރުފަޅު ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން މީގެކުރިން އިތުރު ދައުވާއެއްވެސް އުފުލި އެވެ. އެއީ އެމަނިކުފާނު ކުރިން ނައިބް ރައީސްގެ މަގާމުގައި ހުންނެވިއިރު އެ މަގާމުގެ ހައިސިއްޔަތުން ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސައިދީފައި ހުރި ރެހެންދި ފްލެޓް ހުސްނުކުރުމުގެ މައްސަލައިގައި އުފުލި ދައުވާ އެކެވެ.
ޖިހާދުގެ މައްޗަށް އޭރު ކޮށްފައިވާ ދައުވާއަކީ ފެބްރުއަރީ 17، 2020 ވަނަ ދުވަހާ ހަމައަށް ސަރުކާރުން ދޫކޮށްފައިވާ ދެ އެޕާޓްމަންޓް ހުސްނުކޮށް ބޭނުންކުރުމުގެ ދައުވާ އެވެ. އެހެންކަމުން ޖިހާދު އެތަނުގައި ދިރިއުޅުނު ދުވަސްތަކުގެ ކުއްޔާއި މެއިންޓަނަންސް ފީ އަދި ޔޫޓިލިޓީ ފީގެ ގޮތުގައި ދައްކަން ޖެހޭ 1,109,227.36 ރުފިޔާ އެއް ފަހަރާ ދައުލަތަށް ނަގައިދިނުމަށް ސިވިލް ކޯޓުގައި ދައުލަތުން އޭރު އެދިފައިވެ އެވެ. ނަމަވެސް ދައުލަތުން ވަނީ އެ މައްސަލަ ފަހުން އަނބުރާ ގެންގޮސްފަ އެވެ.