ސުޕްރީމް ކޯޓް

ހުމާމު ނުމަރަންވީ ސަބަބެއް ނެތް: ދައުލަތް

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި ކަމުގެ ކުށުގައި ކްރިމިނަލް ކޯޓުން މެރުމަށް ހުކުމްކޮށް ހައިކޯޓުން އެ ހުކުމަށް ތާއީދުކުރި ހުސައިން ހުމާމްގެ މަރުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ހުށަހެޅުމުގެ ޝަރީއަތް ފަށައިފި އެވެ. ހުމާމުގެ މަރުގެ ހުކުމް ސުޕްްރީމް ކޯޓުގައި އިލްތިމާސްކުރީ، ޕީޖީއިންނެވެ. ދައުލަތުން މިއަދު ބުނެފައި ވަނީ ދަށު ކޯޓާއި ހައިކޯޓްގެ ނިންމުމާ އެއްގޮތަށް ހުމާމުގެ މައްޗަށް މަރުުގެ އަދަބު ތަންފީޒު ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުށް ސާބިތުވެ ހުމާމަށް މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުގެ މި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދުކޮށް ހުމާމް މަރަން ހުކުމް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.

މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ހުމާމުގެ މައްޗަށް ދަށު ކޯޓުން އިއްވާ، އަދި ހައިކޯޓުން ތާއީދުކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން އިއްވާފައިވާ ހުކުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ، ހުމާމުގެ މައްޗަށް މަރަށް މަރު ހިފުން ލާޒިމާވާ ޝަރުތުތައް ފުރިހަމަ ކަމަށެވެ. އަދި އެކަން ނަފީ ކުރެވޭފަދަ ކަމެއް މައްސަލާގައި ނެތް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ ހުމާމުގެ މަރުގެ ހުކުމް، ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅަންވީ ސަބަބުތައް ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ. އެކަމަށް އިތުރު ފުރުސަތަކަށް ދައުލަތުން އެދުމުން އެ ފުރުސަތު މިއަދު ވަނީ ދީފަ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައަޅާ ފުރަތަމަ މައްސަލަ ކަމަށްވާއިރު، މިފަދަ މައްސަލަތައް ކުރިއަށް ގެންދާނެ އުސޫލެއް ފަނޑިޔާރުންގެ ބެންޗުން ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.

ހުމާމްގެ ވަކީލް ވިދާޅުވީ، ބޭނުންވާ ލިޔެކިޔުންތައް ލިބިފައި ނުވާ ކަމަށާއި ހައިކޯޓުގައި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ނުލިބޭ ކަމަށެވެ. ވަކީލް ފާހަގަ ކުރެއްވި މި ނުކުތާ އުއްތަމަ ފަނޑިޔާރު ބަލައިގަންފައެއް ނުވެ އެވެ. ވިދާޅުވީ، އެ ރިޕޯޓަކީ ހައިކޯޓުގެ ވެބްސައިޓުން ވެސް ލިބޭނެ ލިޔުމެއް ކަމަށެވެ. އަދި މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ވެސް ލިބިފައިވާ ކަމަށެވެ.

ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރީ، ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތުގައި ހުމާމްގެ ފަރާތުން އެ މައްސަލަ ހުށަހަޅާފައިނުވާތީ އެވެ.

މަޝްހޫރު ދީނީ އިުމްވެރިޔާ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އަފްރާޝީމް ދިރިއުޅުއްވާ ގޭގެ ސިޑީގެ ކައިރިންނެވެ.