ޒަމާންތަކެއް ވަންދެން ސައިންސްވެރިން އަންނަނީ ކައުނު އުފެދިފައިވާ ގޮތް ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ. އަދި މި މަސައްކަތުގެ ތެރޭގައި ސައިންސާއި އީމާންކަމާ ދެމެދު ފުށުއަރާ އެތައް ވާހަކަތައް ދެކެވެމުން އައިސްފައިވެ އެވެ. ނަމަވެސް ސައިންޓިފިކް ހޯދުންތަކަށް ބަލާއިރު ކުޅަދުންވަންތަ އަދި ޚަލްގުކުރައްވާ އިލާހެއް ވޮޑިގެންވާކަން ހާމަކޮށްދޭ އެތަކެއް ހެކިތައް ފެންނާން އެބަހުއްޓެވެ.
މި ހޯދުންތަކުން ފެންނަނީ އެއްވެސް ރޭވުމެއްނެތި ކައުނު އުފެދުނު ކަމުގެ ހިޔާލަށް ގޮންޖަހައި، ދިރުމާއި ކައުނުގެ އަސްލާމެދު ފުންކޮށް ވިސްނުމަށް މަގުފަހިކޮށްދޭ މަންޒަރެވެ. މިގޮތުން ސައިންސުން އިލާހީ ރޭވުމެއް ހުރިކަން ދައްކުވައިދޭ ހެކިތައް މި ލިޔުމުގައި ފާހަގަކޮށްލާނަމެވެ.
ކައުނު ބައްޓަންކުރެވިފައިވާ ވަޒަންތައް
ކައުނުގައި އިލާހީ ރޭވުންތެރިކަމެއް ވާކަން ދައްކުވައިދޭ އެންމެ މުހިއްމު އެއް ސައިންޓިފިކް ހޯދުމަކީ މި ކައުނަކީ ދުނިޔެގައި ދިރުން އާލާވުމަށް އަދި ދެމެހެއްޓުމަށް ހުރިހާ ގޮތަކުންވެސް ފުރިހަމައަށް ބައްޓަންކުރެވިފައިވާ ތަނެއް ކަމެވެ. މާއްދީ މިންތަކާއި ކައުނުގެ އެކި ބާރުތައް ވަނީ އޭގެ އެންމެ ފުރިހަމަ މިންވަރަށް ހަމަޖެހިފަ އެވެ. މިއީ ދުނިޔޭގައި ދިރުން އުފެދުމާއި ދެމެހެއްޓުމަށް މަގުފަހިކުރާ ނާޒުކު ބެލެންސެކެވެ.
މި ބެލެންސް އެހާ ފުރިހަމަކަމުން މިއީ ގަސްދުގައި ރޭވިގެން ހަމަޖެހިފައި ހުރި ގޮތްތަކެއް ކަމަށް ބެލެވެ އެވެ. މިކަމަށް ގޮންޖެހުމުގެ ގޮތުން ބައެއް ސައިންސްވެރިން، މިކައުނަކީ އެތައް ގިނަ ކައުނުތަކުގެ ތެރެއިން އުފެދިފައިވީ އެއް ކައުނު ކަމަށް ބުނިނ ނަމަވެސް މި (މަލްޓިވާސް) ތިއަރީއަށް ސީދާ ހެކިތަކެއް ނުލިބެ އެވެ. އެހެނީ އެތިއަރީގައި އެބުނާ އެހެން ކައުނުތައް ނުފެންނާތީއާއި އަދި އިހްސާސް ނުކުރެވޭތީވެ، ސައިންޓިފިކް ޓެސްޓު ކުރުމަކީ ވާނޭ ކަމަކަށް ނުވާތީ އެވެ. މީގެ އިތުރުން "އިތުރު ކައުނުތަކުގެ" ތިއަރީއަކުން މި ކައުނު ވަކިން ހާއްސަކޮށް މިހާ ފުރިހަމައަށް ދިރުންތަކަށް ބައްޓަންކުރެވިފައިވަނީ ކީއްވެގެން ކަމެއް ސީދާ ނުބުނެދެ އެވެ.
ކައުނުގެ ހަތަރު އަސާސީ ބާރު (ފޯސް)
ކައުނު ހިނގަމުންދަނީ ހަތަރު އަސާސީ ބާރެއްގެ ދަށުންނެވެ. އެއީ ގްރެވިޓީގެ ބާރު، އިލެކްޓްރޯމެގްނެޓިކް ބާރު އަދި ދެ ނިއުކްލިއަ ބާރެވެ.
ކައުނުގެ ހިނގުމަށް މީގެން ކޮންމެ ބާރެއް ހުންނާންޖެހެނީ ވަރަށް ސީދަލަށް މިންކުރެވިފަ އެވެ. މިސާލަކަށް ގްރެވިޓީގެ ބާރު ކުޑަކޮށް އިތުރުވެ ނުވަތަ ދަށްވިޔަސް އިރާއި އެހެން ތަރިތައް ނުއުފެދުނީހެވެ. އަދި އޭގެ ސަބަބުން އަހަރުމެންނަށް ދުނިޔޭގައި މިފެންނަ ދިރުން ނުއުފެދޭނެ އެވެ. ކައުނުގައިވާ މި ބާރުތަކުގެ ނާޒުކު ބެލެންސް ވަނީ ފަރުވާތެރިކަމާއެކު ތައްޔާރުކޮށްފައިވާ ރެސިޕީއެއް ފަދައިންނެވެ. އަދި ކުޑަ ބަދަލެއް އަޔަސް މުޅި ނިޒާމު ހަލާކުވާނެ އެވެ. ކައުނުގައި މިފަދަ ފުރިހަމަ ތަރުތީބެއް އޮތުމަކީ އެއީ ގަސްތުގައި ފަރުމާކުރި ފަރާތެއް ވާކަމުގެ ހެއްކެކެވެ.

ދުނިޔޭގެ ފުރިހަމަ މަގާމާއި ޖައްވުގައި އެކުލެވޭ ބާވަތްތަކުގެ މިންވަރު
އަހަރުމެންގެ ސޯލާ ސިސްޓަމުގައި ދުނިޔެ އޮތް މަގާމަކީވެސް އާދަޔާ ހިލާފު ކަމެކެވެ. އޭގެ ދައުރުވުމުގެ ބާރުމިނާއި އުތުރު-ދެކުނު ދަނޑީގެ ކަތިމިނާއި، އިރާ ދެމެދުގައި ހުރި ދުރުމިނަކީ މުޅީންވެސް ދުނިޔޭގައި ދިރުން އޮތުމަށް މަގުފަހިކޮށްދޭ ކަންކަމެވެ. ދުނިޔެ މިވާ މަގާމަށް ނުޖޫމީ އިލްމުވެރިން ކިޔަނީ 'ގޯލްޑިލޮކްސް ޒޯން' އެވެ. އެއީ ގޯލްޑިލޮކްސް އާއި ތިން ސާރިދޯޅުގެ ވާހަކައަށް ނިސްބަތްކޮށެވެ. މިޒޯނަކީ ދިރުން އުފެދުމަށް ކޮންމެހެން ބޭނުންވާ އެއް މާއްދާ ކަމުގައިވާ ފެން އާލާވެ ހުރުމަށް "އެންމެ އެކަށީގެންވާ" ސަރަހައްދެވެ.
މީގެ އިތުރުން ދުނިޔޭގެ ޖައްވުގައި ހުރި މާއްދާތައްވެސް ވަނީ ފުރިހަމައަށް ބެލެންސް ކުރެވިފަ އެވެ. ނޭވާލުމަށް އެކަށީގެންވާ މިންވަރަށް އޮކްސިޖަން ހުރެ އެވެ. އިތުރަށް ހުރިނަމަ ޖައްވުގައި އަލިފާން ހިފުމުގެ ނުރައްކާ އޮތީހެވެ. ނައިޓްރަޖަން ގޭސް ހުރި މިންވަރުން ޖައްވު އިތުރަށް ސްޓޭބަލްވެ އަދި ދިރުމަށް އެކަށީގެންވާ މާހައުލެއް އުފައްދަ އެވެ.
ވީމާ ދުނިޔެއަކީ އިންސާނުންނާއި ދުނިޔޭގައިވާ އެހެނިހެން ދިރުންތަކަށް ހާއްސަކޮށް ފަރުމާ ކުރެވިފައިވާ ތަނެކެވެ. މީގެން ސާބިތުވާ ކަމަކީ ކުޅަދުންވަންތަ ފަރާތަކުން މިފުރިހަމަ މަގާމުގައި އަދި މިންގަޑުތަކާއެކު ދުނިޔެ އުފައްދަވާ ލައްވަވާފައިވާ ކަމެވެ.
ކައުނުގެ ފެށުމާއި ކައުނުގެ ފެތުރުން
ސައިންސްގެ ހޯދުމަކުން އުފެދުނީއްސުރެ ހުއްޓުމެއްނެތި ކައުނު ފެތުރެމުންދާކަން އެނގުމުން ހާލިގެއްވާ ކަމުގެ ބަހުސަށް އިތުރު ކުރިއެރުމެއް ގެނެސްދިނެވެ.
މަޝްހޫރު އަލްބަޓް އައިންސްޓައިން ފުރަތަމަ ގަބޫލުކުރީ ކައުނު ވަކި މިންވަރެއްގައި ހިފެހެއްޓިފައި ހުންނަ ކަމަށެވެ. އަދި އެވިސްނުން ދެމެހެއްޓުމަށްޓަކައި އައިންސްޓައިންގެ އީކުއޭޝަންތަކުގައި ހާއްސަ "ބަދަލުނުވާ އަދަދެއް" ނުވަތަ ކޮންސްޓަންޓެއް ހިމެނި އެވެ. ނަމަވެސް އެޑްވިން ހަބްލް އޭނާގެ ދިރާސާތަކުން ދައްކައިދިނީ ކައުނުގައިވާ ގެލެކްސީތައް އަހަރެމެންނާ ދުރަށް ފޭވަމުންދާ ކަމެވެ. މިއީ ކައުނު ފެތުރެމުންދާކަމުގެ ހެއްކެކެވެ. އަދި ފެތުރެމުންދާ ކަމަށް ވަންޏާ އުފެދުމެއް އޮންނާނޭކަން ޔަގީންވި އެވެ. އަދި ކައުނުގެ މިފެށުމަށް "ބިގް ބޭންގް" ކިޔުނެވެ.
ކައުނުގެ ޖާގަ (ސްޕޭސް) އާއި ވަގުތުގެ ފެށުމެއް ވާކަން ދައްކުވައިދޭ ބިގް ބޭންގް ތިއަރީއަކީ، ނެތުމުގެ ތެރެއިން ފެށުމެއްވާ އުފެދުމުގެ ހިޔާލާ ދިމާވާ ކަމެކެވެ. މިފަދަ ފެށުމެއް ކައުނުގައި އޮތުމުން ދޭހަވަނީ، ކޮންމެވެސް ބާރުގަދަ ފަރާތަކުން ކައުނު އުފެއްދެވި ކަމެވެ.
ޑީއެންއޭގައި ރައްކާކުރެވިފައިވާ މަޢުލޫމާތު: މޮލެކިއުލަރ މުޢުޖިޒާތެއް
ޑީ.އެން.އޭ އަކީ ހުރިހާ ދިރޭތަކެތީގެ ބުލޫޕްރިންޓެވެ. އަދި ކޮންމެ ދިރުމެއްގައި ވަކި ޚާއްސަ ޑީ.އެން.އޭ އެއް ވެއެވެ. 1953 ގައި ޖޭމްސް ވޯޓްސަން އަދި ފްރާންސިސް ކްރިކް ހޯދި ޑީ.އެން.އޭގެ ޑަބަލް ހެލިކްސް އޮނިގަނޑުގައި ވަރަށް ގިނަ ޖެނެޓިކް މަޢުލޫމާތު ރައްކާކުރެވިފައިވެއެވެ. މީގެ އެތުރުމާއި ފުރިހަމަކަން ވަރަށް ވަރުގަދަ ކޮމްޕިއުޓަރ ޕްރޮގްރާމަކާ އެއްފަދައެވެ. މިއާމެދު، މަޝްހޫރު ބިލް ގޭޓްސް ބުނެފައިވަނީ، ޑީ.އެން.އޭއަކީ "މިހާތަނަށް އުފެއްދި އެއްވެސް ސޮފްޓްވެއަރއަކަށްވުރެ މާ ކުރިއަރާފައިވާ" އެއްޗެއްކަމެވެ.
ޑީ.އެން.އޭ ކޯޑިންގައިވާ ޤަވާއިދާއި ޚާއްޞަކަމުން ދޭހަވަނީ މިއީ އެއްވެސް ތަރުތީބެއްނުވާ މިއުޓޭޝަނަކުން އުފެދުނު އެއްޗެއް ނޫންކަމެވެ. މީގެ ފުރިހަމަ ޑިޒައިނުން ދައްކުވައިދެނީ މިއީ މާ ކުޅަދުންވަންތަ މަސްދަރަކުން އައިސްފައިވާ އެއްޗެއްކަމެވެ. އެހެންކަމުން ޚަލްޤުވެރި އިލާހެއްގެ ވޮޑިގެންވުން މިކަމުންވެސް ސާބިތުވެއެވެ.
ކައުނުގެ ސިއްރުތައް ސައިންސްވެރިން ހޯދަމުންދާއިރު، މި ކަންކަމުން އިޝާރާތްކުރަނީ ހަމައެކަނި ޗާންސަކަށްވުރެ މާ މަތިވެރި ކަމަކަށެވެ. ކައުނުގެ ފުރިހަމަ ރޭވުންތެރިކަން، އަސާސީ ބާރުތަކުގެ ވަޒަން، ދުނިޔެ ޤާއިމުވެފައިވާ ތަން، ކައުނުގެ ފެތުރުމާއި ފެށުން، އަދި ޑީ.އެން.އޭގެ ފުރިހަމަ ތަރުތީބު އެއްކޮށް ދައްކުވައިދެނީ ވިސްނުންތެރި ފަރުމާކުރާ ކުޅަދުންވަންތަ ފަރާތެއްގެ ވުޖޫދެވެ. ވީމާ، ސައިންސާއި އީމާންކަމަކީ އެއްގޮތަކަށްވެސް ދެކޮޅު ދެއެއްޗެއް ނޫނެވެ. ރަނގަޅު މަގުސަދުތަކަކާއެކު ހެޔޮ ނިޔަތެއް އޮވެގެން މަސައްކަތްކުރެވޭ ނަމަ ސައިންސުގެ ޒަރިއްޔާއިން އީމާންކަން ވާނީ އިތުރަށް ފުރިހަމައެވެ.