ހަބަރު

އިރުތިޝާމަށް އިންޒާރުދިން ކަމަށް ބުނާ މައްސަލަ ކޮމިޓީއަށް

ސަރުކާރުގެ ދެ ކުންފުންޏެއްގެ ވެރިން، ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމަށް އިންޒާރުދީ، ހަޑިހުތުރު ބަހުން މުހާތަބުކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީއަށް ހުށަހަޅައިފި އެވެ. މި މައްސަލަ އެ ކޮމިޓީއަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ.

މިނިސްޓަރަށް އިންޒާރު ދެއްވީ، އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދާއި އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. މިކަމާ ގުޅިގެން މިނިސްޓަރު މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

މެންބަރު ރޮޒެއިނާ އެދިފައިވަނީ އެ މައްސަލަ ހިނގި ގޮތް ސާފުކުރުމަށެވެ. މި މައްސަލަ ކޮމިޓީއަށް ހުށަހެޅުމުން އެ މައްސަލައާ އެއްކޮޅަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވަނީ ވާހަކަ ދައްކަވާފަ އެވެ. މައްސަލައާ ދެކޮޅު ހެއްދެވީ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހިމެވެ.

މައްސަލަ ހިނގާދިޔަ ގޮތް ސާފުކުރުމަށް މިނިސްޓަރު އިރުތިޝާމް ކޮމިޓީއަށް ހާޒިރު ކުރުމަށް ހުށަހެޅި ނަމަވެސް ކޮމިޓީން ފާސްކޮށްފައިވަނީ އެކަން ހިނގާދިޔަ ގޮތް މިނިސްޓްރު ލިޔުމަކުން އެ ކޮމިޓީއަށް ހުށަހަޅާ ގޮތަށެވެ.