އިންޑިއާ ކަނޑުގެ ސަރަހައްދުގައި އަސްކަރީ ބާރު އިތުރުކުރުމުގެ ގޮތުން އިންޑިއާއިން އައު ތިން އަސްކަރީ އުޅަނދު ރަސްމީކޮށް ބޭނުންކުރަން ފަށައިފި އެވެ.
މި އުޅަނދުތަކުގެ ތެރޭގައި ދެ މަނަވަރާއި އެއް ސަބްމެރިން ހިމެނެ އެވެ.
މުމްބާއީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އުޅަނދުތައް ހިދުމަތަށް ނެރެދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ.
އިންޑިއާގައި އުފެއްދި މި ތިން އުޅަނދަކީ އެ ގައުމުގެ ކަނޑުގެ ދިފާއީ ބާރު އިތުރުކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމުގައި ބޮޑުވަޒީރު މޯދީ ވިދާޅުވި އެވެ.
އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނާތު ސިންހު ވިދާޅުވި ގޮތުގައި މިހާރު ދުނިޔޭގެ ގިނަ ބާރުތަކުން އިންޑިއާ ކަނޑުގެ ސަރަހައްދަށް ހާއްސަ ސަމާލުކަމެއް ދެމުންދެ އެވެ. މިކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ނުފޫޒު ފެތުރުމަށް ދުނިޔޭގެ ބާރުތަކުގެ މެދުގައި ވާދަވެރިކަން އިތުރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އިންޑިއާއިން ވަނީ އެ ގައުމުގެ އަސްކަރީ އުޅަނދުފަހަރާއި ހަތިޔާރުތައް އާކުރުމަށް ބޮޑު އިންވެސްޓެއް ކޮށްފަ އެވެ. އެގޮތުން ވޭތުވެދިޔަ އަހަރު އެކަނި އެ ގައުމުގެ އެތެރޭގެ ބާޒާރުން ދިފާއީ އުފެއްދުންތަކަށް 15 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްފައިވެ އެވެ. މިއީ އެ ގައުމުގެ ދިފާއީ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތް ކަމުގައި ބެލެވެ އެވެ.