ދުނިޔެ

އިޒުރޭލު ސިފައިން ގޯލާންގެ ބިންތަކުން ފައިބަންޖެހޭ: ސިރިއާގެ ލީޑަރު

އިޒުރޭލު ސިފައިން ގޯލާންގެ އުސްބިންތަކުން އިތުރު ބައެއް ޖަހައިގަނެ، ބަފާޒޯނު ފަހައަޅައި ސީރިއާ ތެރެއަށް ވަދެގެންފައި ވަނީ ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށް ސީރިއާގެ އަސްކަރީ ވެރިޔާ، އަބޫ މުހައްމަދު އައްޖޫލާނީ -- އަހްމަދު ޝަރާއު ވިދާޅުވެއްޖެ އެވެ.

ޝަރާއު ވިދާޅުވި ގޮތުން އިޒުރޭލަށް ވެސް އޮތް އެންމެ ރައްކާތެރި ގޮތަކީ ގޯލާންގެ ބަފާޒޯން ދޫކޮށް ދިއުމެވެ. އެދެވިގެންވާ ގޮތަކީ އެ ސަރަހައްދުގައި އދގެ ސުލްހަ ބަލަހައްޓާ ސިފައިން ގާއިމުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސީރިއާގައި އޮތް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމުގައި އަހުމަދު ޝަރާއު ވަނީ އަސްކަރީ ކޮމާންޑަރެއްގެ ދައުރު އަދާކުރައްވާފަ އެވެ. އޭނާ އިސްވެ ހުންނައިވައި ހިންގަވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހަޔާތު ތަހުރީރުއްޝާމް (އެޗްޓީއެސް) ގެ ހަނގުރާމަވެރިން ވަނީ ސީރިއާ މިނިވަންކޮށް އާދައިގެ ހާލަތަކަށް ބަދަލުކޮށްފަ އެވެ.

އަސަދުގެ ސަރުކާރު ވައްޓާލުމަށް އެޗްޓީއެސްގެ ހަނގުރާމަވެރިން ހަމަލާ ބަދަލުކުރަމުން ދިޔައިރު، އިޒުރޭލު ސިފައިން ވަނީ ހާލަތުގެ ނާޖާއިޒު ފައިދާ ނަގައި، ގޯލާންގެ އުސްބިންތަކުން ޔަހޫދީން ކުރިން ފޭރިގަތް ސަރަހައްދު ފަހައަޅައި، ސީރިއާއަށް އޮތް ފަޅިއަށް ވަދެގަނެ އަދި ބަފަޒޯނުން ބޮޑު ބައެއް ޖަހައިގެންފަ އެވެ.

އިޒުރޭލު ސިފައިން އެ ސަރަހައްދަށް ވަދެގަތީ އެ ހިސާބުގައި އީރާންގެ ހަނގުރާމަވެރިންނޢި ހިޒްބުﷲގެ ހަނގުރާމަވެރިން ތިބި ކަމަށް ބުނެ ކަމަށް ޝަރާއު ވިދާޅުވި އެވެ.

ނަމަވެސް، އެ ސަރަހައްދުގައި މިހާރު ހިޒްބުﷲ އަދި އީރާންގެ އަސަރެއް ވެސް ނެތް ކަމަށް އަސްކަރީ ލީޑަރު ވިދާޅުވި އެވެ.

ޝަރާއު އަދި ވިދާޅުވީ ގޯލާންގެ ބަފާޒޯންގައި އދގެ ސިފައިން ގާއިމުވެ ތިބުމަށް އެހީތެރިވެދެއްވާނެ ކަމަށެވެ. ސީރިއާގެ ތާއީދު އޮތީ ވެސް މި ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އިޒުރޭލު ސިފައިން އެންމެ ފުރަތަމަ ގޯލާންގެ އުސް ބިންތަކަށް އަރައިގަތީ 1967 ގައި، ސީރިއާ އާއި މިސްރުގެ ސިފައިން ބަލިކުރުމަށް ފަހު އެވެ. އަދި އެއަށް ފަހު އެ ސަރަހައްދު އަނބުރާ ސީރިއާއަށް ލިބޭނެ ގޮތެއް އޮތީ ނުވެފަ އެވެ.

ގޯލާންގައި ޔަހޫދީން އަސްކަރީ މަރުކަޒު ހަދައިގެން ތިބި ސަރަހައްދަކީ އިޒުރޭލުގެ އަމިއްލަ ބިމެއް ކަމަށް 1981 ގައި ވަނީ ނިންމާފަ އެވެ.

އެ ސަރަހައްދު އަލުން ތަރައްގީކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ކިޔާވާ ކުދިންނަށް ޚާއްސަ ޒޯނެއް ހަދައި އެއީ އިއާދަކުރާ ހަކަތަ އުފައްދާ ސަރަހައްދަކަށް ހަދަން ބަޖެޓް ފާސްކޮށްފަ އެވެ.