ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނެލް މެސީއާއެކު އާޖެންޓީނާގެ ގައުމީ ޓީމު މިއަހަރުގެ ފަހުކޮޅު އިންޑިއާއަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕް އަދި ކޯޕާ އެމެރިކާގެ ޗެމްޕިއަން -- އާޖެންޓީނާ ޓީމުގެ މި ދަތުރުގައި އިންޑިއާގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް މިހާރު ދަނީ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.
މި ދަތުރުގައި އާޖެންޓީނާގެ ޓީމު އިންޑިއާގައި ހަފްތާއެއްހާ ދުވަހު ހޭދަކުރާނެ ކަމަށްވެ އެވެ.
އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކުޅިވަރު ވަޒީރު އަބްދުއްރަހީމަން ވިދާޅުވި ގޮތުގައި މި މެޗުތައް ކުޅޭނީ މިއަހަރުގެ އޮކްޓޯބަރު 25 އާއި ނޮވެމްބަރު 2 އާ ދެމެދުގެ މުއްދަތެއްގަ އެވެ. އެކަމާ ގުޅޭ އެންމެހާ ކަންކަން ވަނީ އިންތިޒާމުކުރެވިފައި ކަމަށްވެސް ވިދާޅުވި އެވެ.
މިދަތުރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މެސީ، އާންމު ރައްޔިތުންނާ ބައްދަލުކުރުމަށް ހާއްސަ އިވެންޓެއް ބޭއްވުމަށް ހަމަޖެހިފައިވުމެވެ. މި އިވެންޓުގައި 25 މިނިޓު ވަންދެން މެސީ، އޭނާގެ ސަޕޯޓަރުންނާ އެކު ވަގުތު ހޭދަކުރާނެ އެވެ.
މިއީ މެސީއާއެކު އާޖެންޓީނާގެ ޓީމު އިންޑިއާއަށް ކުރާ ދެވަނަ ދަތުރެވެ. މީގެކުރިން ވެސް އިންޑިއާގައި ބޭއްވި އެހެން މެޗަކަށް މެސީއާއެކު އާޖެންޓީނާގެ ޓީމު އިންޑިއާއަށް ގޮސްފައިވެ އެވެ. އޭރުވެސް މެސީ ދެކެން އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެފައިވެ އެވެ.
އާޖެންޓީނާގެ މި ދަތުރުގައި މެސީގެ އިތުރުން ޓީމުގެ އެހެން ވަރުގަދަ ކުޅުންތެރިން ވެސް ބައިވެރިވާނެ އެވެ. އެއީ:
- އެމިލިއާނޯ މާޓިނޭޒް -- ގޯލްކީޕަރު
- ލިސަންދްރޯ މާޓިނޭޒް (މެންޗެސްޓާ ޔުނައިޓެޑް)
- އެލެކްސިސް މެކްއަލިސްޓަ (ލިވަޕޫލް)
- ލައުޓާރޯ މާޓިނޭޒް (އިންޓަ މިލާން)
އަބްދުއްރަހިމާން ވިދާޅުވި ގޮތުގައި މިހާރު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު މެޗުތަކުގެ ތާވަލު ނިންމުމުގެ މަސައްކަތް ކުރުމަށެވެ. މި މެޗުތަކަކީ އިންޑިއާގެ ފުޓްބޯޅައަށް ވަރަށް މުހިންމު މެޗުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.