އިޒުރޭލުގެ އަސްކަރިއްޔާއިން ފަލަސްތީންގެ ޣައްޒާއަށް 15 މަސް ދުވަސް ވަންދެން ކެނޑިނޭޅި ދިން ހަމަލާތައް ހުއްޓާލައި ސުލްހައިގެ އެއްބަސްވުމަކަށް މާދަމާ އަމަލުކުރަން ފަށާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން، އިޒުރޭލު ސިފައިންނާއި ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރި ހަމަލާތައް ހުއްޓާލައި، އިޒުރޭލު ސިފައިން ފަހަތަަށް ޖެހެން ޖެހޭނެ އެވެ.
އަދި މީގެ އިތުރުން އިޒުރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ކުށްވެރިން މިނިވަންކުރަން ފަަށާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަދާމާ އިރުއެރުމާ އެކު އަމަލުކުރަން ލާޒިމުކޮށްފައި އޮތް ސުލްހައިގެ އެއްބަސްވުމުގެ ދަށުން ފަލަސްތީންގެ 735 ކުށްވެރިއަކު އިޒުރޭލުން ދޫކޮށްލާނެ އެވެ.
އިޒުރޭލުގެ ދިފާއީ ވުޒާރާއިން ވެސް ވަނީ ޚި ޚަބަރު ކަށަވަރުކޮށްދީފަ އެވެ.
އިޒުރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ ކުށްވެރިން ދޫކޮށްލަން ފެށުމާ އެކު، ހަމާސްގެ އަތްދަށުގައި ތިބި ޔަހޫދީ އަސީރުން ވެސް ދޫކޮށްލާނެ އެވެ. މި ގޮތުން ފުރަތަމަ ފިޔަވަހީގައި ހަމާސްއިން 33 ޔަހޫދީއަކު މިނިވަންކުރާނެ އެވެ.
ސުލްހައިގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައި އިޒުރޭލުން 90 ކުށްވެރިން ދޫކޮށްލާނެ އެވެ. އެއީ 70 އަންހެނުންނާއި 25 ފިރިހެނުންނެވެ. ބަދަލުގައި ހަމާސްއިން ޔަހޫދީންގެ ތިން އަސީރަކު ދޫކޮށްލާނެ އެވެ.
އިޒުރޭލާ ހަމާސްއާ ދެމެދު އެއްބަސްވެވުނު ނުކުތާތަކަށް ދެ ފަރާތުން ވެސް މިހާރު ވަނީ އާނބަސް ބުނެފަ އެވެ. މިހެންކަމުން ސުލްހައިގެ އެއްބަސްވުމުގެ މާއްދާތަކަށް ހެޔޮ ގޮތުގައި އަމަލުކުރުން މި ދެ ފަރާތަށް -- އިޒުރޭލާއި ހަމާސްއަށް ވެސް ލާޒިމުވާނެ އެވެ.