ދިވެހިންނަންނަކީ ނާތަހުޒީބު ބައެއްކަން ދައްކަން އުޅުމަކީ ދަށުދަރަޖައިގެން ޢަމަލެއް ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބް ރައީސް މިހެން ވިދާޅުވީ މަގުމަތިން ސަރުކާރު ވައްޓާނުލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހީކޮށްގެން ނުވާނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޓީވީ ޗެނަލެއްގައި ވިދާޅުވުމާ ގުޅުވައިގެންނެވެ.
ނައިބް ރައީސް ވިދާޅުވި ރައީސް މުއިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަދެއްވާ ބޭފުޅެއް ކަމަށެވެ. އެއީ ގައުމަށް އަދި ރައްޔިތުންނަށް ހިދުމަތެއް ކޮށްދެއްވަން ނުކުމެވަޑަންނަވާ ކޮންމެ ވެރިއެއް ނުވަތަ ސިޔާސީ ބޭފުޅެއްގެ ކިބައިގައި ހުންނަންވާނެ ސިފައެެއް ކަމުގައިވެސް ވިދާޅުވި އެވެ.
"އެހެންނަމަވެސް ފާޑުކިޔުމުގެ ނަމުގައި ދިވެހި ރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާއި ދުރުބައެއް ކަމަށް ބުނެ، ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރައިޖެ އަމަލެއް،" ނައިބް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ދިޔަ ނަމަވެސް ގާނޫނާ ހިލާފަށް ސަރުކާރުން އެއްވެސް ކަމެއް ކުރަމުން ނުދާ ކަމަށް ރައީސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެކަމަކު ގައުމުގައި ހައްލު ނުވެ ދިގުލައިގެން ގޮސްފައި ހުރި މައްސަލަތަކަށް ހައްލު ހޯއްދަވާނެ ކަމަށްވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.