މިފްކޯ އިން 140 ގްރާމްގެ ތެޔޮ މަސްދަޅު ބާޒާރަށް ނެރެފި އެވެ.
މިއީ މީހުން މަދު ގޭބިސީތަކުގައި އެއް ފަހަރު ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މަސްދަޅެއް ކަމަށް މިފްކޯ އިން ބުނެފައިވެ އެވެ.
މިފްކޯގެ ރީޖަނަލް ފިހާރަތަކުންނާއި އައިސްޕްލާންޓްތަކުން މި ސައިޒްގެ 48 ދަޅުގެ ކޭސް މިހާރު ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެ ގޮތުން 140 ގްރާމުގެ 48 ދަޅުގެ ކޭހެއްގެ އަގަކީ 700 ރުފިޔާ އެވެ.
މިފްކޯ އިން 140 ގްރާމްގެ މަސްދަޅު ބާޒާރަށް ނެރުނު ނަމަވެސް ކުރިއަށް އޮތް ރޯދަމަހު ސަރުކާރުން ހިލޭ ގޭގެއަށް ބަހާނީ 180 ގްރާމްގެ 48 ދަޅުގެ މަސް ކޭސް ކަމަށް މިފްކޯ އިން ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބިސީއަކަށް ހިލޭ މަސްދަޅު ކޭހެއް ބެހުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިކަމަށް އިތުރަށް އުފައްދަންޖެހޭ މަސްދަޅު އުފެއްދުމަށް އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.