ކްރޮސް ރޯޑް މޯލްޑިވްސް

ކްރޮސްރޯޑްސް މޯލްޑިވްސްގައި ޗައިނާގެ އާ އަހަރު ފާހަގަކުރަނީ

ކްރޮސްރޯޑްސް މޯލްޑިވްސްއިން މިއަހަރުގެ ޗައިނީޒް ނިއު އިޔަ ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ރާވައިފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފެސްޓިވަލްގައި ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި ސާއީ ލެގޫން މޯލްޑިވްސްގައި ތަފާތު ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

މިއަހަރަކީ ހަނދު އަހަރު ގުނުމުގައި ހަރުގެ އަހަރެވެ. މިކަން ފާހަގަކުރުމަށް ކްރޮސްރޯޑްސްގެ ދެ ރިސޯޓުގައި ޗައިނީޒް ކަލްޗައާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ. މީގެ ތެރޭގައި ޗައިނީޒް ކާނާގެ ބުފޭއެއް، ސަގާފީ ޑާންސް ޝޯތައް އަދި ޑީޖޭ ޕާޓީތައް ހިމެނެ އެވެ.

ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގައި ނިއު އިޔަ އީވް ބުފޭގައި ޗައިނީޒް ކަލްޗާގެ މަޝްހޫރު ކާނާއެއް ކަމުގައިވާ ޑިމް ސަމް އަދި ސްޓަރ ފްރައިޑް ކާނާގެ ބާވަތްތައް ހިމެނޭނެ އެވެ. އަދި ލައިވް މިއުޒިކް ޝޯއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ސާއީ ލެގޫން މޯލްޑިވްސްގައި އާއިލާތަކަށް އަމާޒުކޮށްގެން ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ. ސާއީ ބީޗް ކްލަބްގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުޅިވަރު ހަރަކާތްތަކާއި އާޓް ވާކްޝޮޕްތައް ބޭއްވުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި ނިއުއިޔަ އީވް ޑިނަ ގޮނޑުދޮށުގައި ބޭއްވުމަށްފަހު ޑީޖޭ ޕާޓީއަކުން ރޭގަނޑު ނިންމާލުމަށްވެސް ވަނީ ރާވާފަ އެވެ.

ދަ މެރީނާ ކްރޮސްރޯޑްސްގައި ދުވާލު ޒިޔާރަތްކުރާ މެހުމާނުންނަށްވެސް މި ފެސްޓިވަލްގައި ބައިވެރިވެވޭނެ އެވެ. ނިއު އިޔާ އީވްގައި ޖިއާއޯ ވޫގައި ޗައިނީޒް ކެއުމުގެ ހާއްސަ މެނޫއެއް ލިބެން ހުންނާނެ އެވެ. އަދި ޖެނުއަރީ 31 ވަނަ ދުވަހު މެރީނާގައި ސްޓްރީޓް މާކެޓެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ރާއްޖޭގެ ފުރަތަމަ މަލްޓި-އައިލެންޑް ޑެސްޓިނޭޝަނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެއިން އެންމެ 15 މިނެޓުގެ ދަތުރެއްގައި ދެވޭ މި ރިސޯޓް ކޮމްޕްލެކްސްގައި ތިން ރިސޯޓަކާއި 30 ބޯޓު އެޅޭ ބަނދަރަކާއި، ހާޑް ރޮކް ކެފޭ، އަދި ގިނަ ކެފޭ ރެސްޓޯރަންޓްތަކެއް ހިމެނެ އެވެ.

މި ފެސްޓިވަލްގެ އިތުރު މައުލޫމާތު އަދި ރިޒަވޭޝަން ކްރޮސްރޯޑްސް މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ އެވެ.